އަހުމަދު މަސްނޫމް   21 އޯގަސްޓު 2022 - 22:47
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ކޮންގްރެސް ރަސްމީކޮށް ނިންމާލައިިފި އެވެ.

މިދިޔަ ހުކުރު ދުވަހު ފެށި ކޮންގްރެސް ނިންމާލީ މިރޭ ކޮންގްރެސް ހޯލްގައި ބޭއްވި ޖަލްސާ އަކަށްފަހުއެވެ. ސޯޝަލް ސެންޓަރު ހޯލް ގައި ކޮންގުރެސް ނިއްމާލުމުގެ ގޮތުން ބޭއްވި ޖަލްސާގަައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު، އަދި އެމްޑީޕީގެ އިސް ބޭފުޅުންނާއި، ކޮންގްރެސްގެ މަންދޫބުން ވަނީ ބައިވެރިވެވަޑަައިގެންފައެވެ.



އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ނިންމާލައިފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުތައް ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފައެވެ. ކޮންގްރެސް ފެށުމުގެ ކުރިން އެމްޑީޕީގެ އަސާސީ ގަވާއިދަށް 11 އިސްލާހެއް ހުށަހަޅާފައި ވާއިރު، ކޮންގްރެސްގެ ބަހުސްގައި ވެސް ބައެއް އިސްލާހުތައް ވަނީ ހުށަހަޅާފައިވެއެވެ. މި އިސްލާހުތަކަށް ވޯޓަށް އަހާފައިވަނީ ކޮންގްރެސްގެ މިއަދު ހަވީރުގެ ދަންފަޅީގައެވެ. މިއަދު ވޯޓަށް އެހި އިސްލާހުތަކުގެ ތެރޭގައި ރައީސް ނަޝީދާއި ރައީސް ސޯލިހް ހުށަހެޅުއްވި އިސްލާހު ވެސް ހިމެނެ އެވެ.

އެގޮތުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ހަރަކާތްތެރިވާނެ ތިންކް ޓޭންކެއް އުފެއްދުމަށް ހުށައަޅުއްވާފައެވެ. އެމަނިކުފާނު ހުށައެޅުއްވި މި އިސްލާހު ފާސްވީ 915 ބޭފުޅުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 3 ބޭފުޅުންނެވެ.

ރައީސް ސޯލިހް ހުށައަޅުއްވާފައިވަނީ ކޮންގްރެސްގެ ގޮފިތައް އައްޔަން ކުރުމުގައި މިހާރު ވެސް އަމަލު ކުރާ އުސޫލު، އެގޮތުގައި ބޭއްވުމަށެވެ. އެމަނިކުފާނު ހުށައެޅުއްވި މިއިސްލާހު ފާސްވީ ޖަލްސާގައި ހާޒިރުވެ ތިއްބެވި 901 މެމްބަރުން ވޯޓުންނެެވެ.

މީގެ އިތުރުން، އެމްޑީޕީގެ ނައިބް ރައީސްގެ މަގާމާއި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުންނަކީ ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަން ކުރާ ބަޔަކަށް ހެދުމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން، ކޮންގްރެސްގައި ހިމަނަން ހުށަހެޅި އިސްލާހުތައްވެސް، ކޮންގްރެސްގެ ބޮޑު އަގުލަބިއްޔަތުން ވަނީ ފާސްވެފައިވެއެވެ.

އަސާސީ ގަވައިދަށް ހުށަހެޅުނު އިސްލާހުތަކާ އެކު އެމްޑީޕީގެ އަސާސީ ގަވައިދު ފާސްކުރުމާ މެދު ކޮންގްރެސްގެ ބައިވެރިންނަށް ފެންނަ ގޮތަކަށް ވޯޓު ދޭން ހުޅުވާލުމުން އަސާސީ ގަވައިދު ފާސްކުރަން 857 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.

ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރު އެމަނިކުފާނު ގެންދެވެމާ ގުޅިގެން، މިއަދުގެ ޝެޝަން ނިންމާލައިފައިވަނީ އެ ގަރާރަށް ކޮންގްރެސުން ވޯޓަށް ނާހައެެވެ.



ކިޔުންތެރިންގެ ހިޔާލު