ރާއްޖޭގެ 17 ރަށެއްގައި ކުޅިވަރުގެ އެކި ވަސީލަތްތައް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރުންނާއެކު ސޮއި ކޮށްފިއެވެ.

މިކަމަށްޓަކައި ޔޫތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، 8 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓު ތަރައްގީ ކުރުމުގެ މަސައްކަތާއި، 6 ރަށެއްގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާފް ސައިޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތާއި، 4 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތާއި، ހދ. ވައިކަރަދޫގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރުމަށް އެކިއެކި އަމިއްލަ ކުންފުނިތަކާ ވަނީ ހަވާލު ކޮށްފައެވެ.

އެގޮތުން ހދ. ކުރިނބީ އަދި ބ. ދަރަވަންދޫގެ އިތުރުން ޅ. ކުރެންދޫގައި ގާއިމުކުރާ އައުޓްޑޯރ ވޮލީކޯޓު ތަރައްގީ ކުރަން ހަވާލު ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏަށެވެ. އަދި ހއ. ހޯރަފުށި، ހދ. ވައިކަރަދޫ، ނ. މާފަރު އަދި ބ. ކިހާދޫގެ އިތުރުން އއ. ހިމަންދޫ ގައި ވޮލީކޯޓު ތަރައްގީ ކުރަން ހަވާލު ކުރީ ބްރިލިއަންޓް ކޮމްޕެނީ އަށެވެ.

ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާފް ސައިޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގެ ދަށުން ހދ. ނޭކުރެންދޫ އާއި މ. މުލަކުގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުން އަމީން ކޮންސްޓްރަކްޝަން އާއި ހަވާލު ކުރިއިރު އއ. ފެރިދޫ، ށ.ފޭދޫ އަދި ނ. ޅޮހީގެ އިތުރުން ނ. ލަންދޫގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ހަވާލުކޮށް ސޮއި ކޮށްފައިވަނީ ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކުއެވެ.

މީގެ އިތުރުން، ށ. ފޭދޫ ދަނޑުގެ ސަބްބޭސް މަސައްކަތް ހަވާލުކޮށްފައިވަނީ ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ އާއެވެ. އަދި އއ. ފެރިދޫ ދަނޑުގެ ސަބްބޭސް މަސައްކަތް އެލިއޮތު އިންވެސްޓްމަންޓާ ވަނީ ހަވާލު ކޮށްފައެވެ. އއ. އުކުޅަހު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ހަވާލުކުރީ ސީއެމްއޭ ފައިވްސްޓަރ އާއެވެ. މީގެ އިތުރުން ހދ. ނާވައިދޫ ދަނޑުގެ ސަބްބޭސް މަސައްކަތް ހަވާލުކޮށްފައިވަނީ އާރުޖީ އިންޓަރނޭޝަނަލް އާއެވެ.

މި މަސައްކަތްތަކުގެ އިތުރުން ދެން ސޮއި ކުރީ، ހދ. ވައިކަރަދޫގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރުމުގެ އެއްބަސްވުމުގައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރު ޖީ އިންޓަރނޭޝަނަލް އާއެވެ.



ކިޔުންތެރިންގެ ހިޔާލު