ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން އިއުލާންކުރައްވާފައިވާ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަމަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.



އައްޑޫ ބިން ހިއްކުމުގެ މަސައްކަތަކީ ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އައްޑޫ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓާއި ހަވާލުވެ ހުންނެވި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ބޭނުންވާ ސާވޭތައް މިދިޔަ މަހުން ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ސާވޭތައް ނިމިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ މި ދިރާސާތައް ނިމުމާއެކު މިހާރު ކުރިއަށްދަނީ ރިޕޯޓްޓައް ތައްޔާރުކުރެވި، ބޭނުންވާ ހުއްދަތައް ހޯދުމަށް އީޕީއޭއަށް ހުށަހެޅުމުގެ މަސައްކަތް ކަމަށެވެ.

"ސެޕްޓެމްބަރު ތެރޭގައި ފެށިގެންދާނެ، އީއައިއޭ އެޕްރޫވް ވުމާއިއެކު، އެ ސަރަހައްދުތަކުގެ އިން ވަކިކޮށް އެމީހުންގެ ބައުންޑަރީ ތަކުގައި ބޯޑަރ ޖެއްސުމުގެ މަސައްކަތް ފަށާނެ." ސޯބެ ވިދާޅުވިއެވެ.

ބިން ހިއްކަން ފެށުމުގެ ކުރިން ތިމާވެއްޓަށް ކުރާ އަސަރު ވީހާވެސް ބޮޑަށް ކުޑަކުރުމަށް ހިއްކާ ސަރަހައްދުގައި ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ބިން ހިއްކާ ކުންފުނިން ކުރާނެއެވެ. އަދި މަޝްރޫޢުގެ މަސައްކަތް ފަށާތާ 12 ހަފްތާ ތެރޭގައި މަސައްކަތް ނިންމާލުމަށް ތާވަލް ކުރެވިފައިވާކަމަށް ސޯބެ ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ދަށުން އައްޑޫގެ ހިތަދޫ ޕޯޓުގެ އުތުރުން ސަރަހައްދަކާއި ދެކުނުން ސަރަހައްދެއް ހިއްކާނެއެވެ. މީގެ އިތުރުން މަރަދޫ އަދި މަރަދޫ ފޭދޫގެ ހުޅަނގުން ބިން ހިއްކައި ޖުމްލަ 194 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މީގެ އިތުރުން ރިސޯޓު ތަރައްޤީ ކުރުމަށް އައްޑޫގެ ފަޅުތެރެއިން އިތުރު ތިން ރަށެއް ތަރައްޤީކުރުމަށް ވެސާ ހަމަޖެހިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު