ޚިޔާލު ތަފާތުވުންތަކާއެކު ވެސް އެމްޑީޕީ އެކުގައި ކުރިއަށްދާނެކަން މިއަދު ނިމިގެންދިޔަ ކޮންގުރެސް އިން ހާމަވެފައިވާ ކަމަށް އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގުރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ރައީސް ނަޝީދު ޤަރާރު ކުރިއަށް ނުގެންދަވަން ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ. ރައީސް ނަޝީދު ހުށަހެޅުއްވި ނިޒާމުގެ ޤަރާރު އަނބުރާ ގެންދެވުމުން ކޮންގްރެސް ނިމިގެންދިޔައީ ފުރިހަމަ މެޗުއަރޑް ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮންގްރެސް އިން ފެނިގެން ދިޔަ ކަމަކީ ޚިޔާލު ތަފާތުވުންތަކާއެކު ވެސް ޕާޓީ އެކުގައި ކުރިއަށްދާނެކަން ކަމަށެވެ.

ރައީސް ސާލިޙު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ފެށިއިރު މާހައުލު އޮތް ގޮތް އެންމެނަށް ވެސް އެނގޭނެ ކަމަށާއި އެ ހާސްކަން ޕާޓީގެ ތެރޭގައި އޮތް ކަމަށެވެ. ކޮންމެ މީހަކީ ވެސް ތަފާތު ފިކުރުތަކާއި ތަފާތު ޚިޔާލުތައް ހުންނަ މީހެއްކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް އެކަންތައްތައް އެއްކިބާކުރުމަށްފަހު ޕާޓީއާއެކު ކުރިއަށްދާން ތިބިކަން މިއަދު ހާމަވެގެން ހިނގައްޖެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.

އެމަނިކުފާނު ވިދާޅުވީ ނިމިގެން މިދަނީ ވަރަށް ފުރިހަމަ ވަރަށް ކާމިޔާބު ކޮންގްރެސްއެއް ކަމަށެވެެ. އަދި ވިސްނުން ދެން ބަހައްޓަންވީ، އަމާޒު ހިފަންވީ ރިޔާސީ އިންތިޚާބަށް ކަމަށާއި އެކަތިގަނޑެއްގެ ގޮތުގައި ތިބެ ވާދަވެރި އިންތިޚާބުގައި އެންމެން އެއް އަޒުމެއްގައި ނިކުންނަންވީ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ އިންތިޒާމްވެެގެން ރޭވިފައި އޮތް ޕާޓީއެއް، ގޮފިތައް އެބަހުރި، ރަށްރަށުގެ އޮފީސްތައް އެބަހުރި، އަދި މައި އޮފީސް މިއޮތީ ކޮމެޓީތައް އެބައޮތް. ބޭނުންވަނީ ހަރަކާތްތައް ފަށަން. މާދަމާ އަޅުގަނޑު އެދެނީ މިކަމާއިގެން އަވަސްވެ ގަންނަން." ރައީސް ސާލިޙު ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގުރެސް ކުރިއަށްދިޔައީ މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ. ކޮންގުރެސްގައި އެޕާޓީގެ އަސާސީ ގަވާއިދަށް ބައެއް އިސްލާހުތައް ގެނެސް އެ އިސްލާހުތައް ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު