ކޯވިޑާއި ގުޅިގެން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމުގައި ހިޔާނާތް ހިންގިކަމަށް ބުނާ މައްސަލައިގައި ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން އެންމެފަހުން މައްސަލަ ފޮނުވިއިރުވެސް ތަހުގީގުގައި ފުރިހަމަކުރަން އަންގާފައިވާ ކަންކަން ފުރިހަމަކޮށްފައި ނުވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިކަން ހާމަކޮށްފައި މިވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު 8 މީހެއްގެ މައްސަލަ ފައިލްކުރުމަށް އޭސީސީން ނިންމި ކަމަށް ބުނެފައި ވަނިކޮށެވެ.

އޭސީސީން ބުނީ ވެންޓިލޭޓަރުތަކުގެ މައްސަލަ އެކޮމިޝަނުން ތަހުގީގު ކުރެވޭނެ އެންމެ ފުރިހަމައަށް އެ ތަހުގީގު ކުރުމަށްފަހު އަމީނާއެކު މައްސަލައިގައި ހިމެނޭ އެހެން މީހުންގެ މައްޗަށްވެސް ދައުވާކުރުމަށް ތިން ފަހަރަށް ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލާފައިވާތީ އަމީނާއި އަދި އިތުރު އަށް މީހެއްގެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ. އަދި ތިން މީހެއްގެ މައްސަލައިގައި މަޝްވަރާކޮށްގެން ދައުވާ ކުރުމާ މެދު ގޮތްތަކެއް ހޯދަމުންދާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ ދައުވާކުރަން ފޮނުވި މައްސަލާގައި ތަހުގީގު ފުރިހަމަކުރަން އެދިފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރުގެ އެއްބަސްވުން އެކުލަވާލާފައި އޮތް ގޮތާއި ތުހުމަތުކުރާ މައްސަލާގައި ފައިސާ ދައުރުވި ގޮތް ބަލަން އެދިފައިވާނެކަމަށާއި ނަމަވެސް އޭސީސީން އެންމެ ފަހުން ފޮނުވިއިރުވެސް އެ ބައިތައް ފުރިހަމަނުކުރާކަމަށް ޕީޖީން ބުނެފައި ވެއެވެ.

ޕީޖީ އޮފީހުން ބުނީ މައްސަލަ ފައިލްކުރުމަކީ، އޭސީސީގެ ނިންމުމެއްކަމަށާއީ އެއީ ޕީޖީގެ ނިންމުމެއް ނޫންކަމަށެވެ.

ޕީޖީ އޮފީހުން މީގެކުރިންވެސް ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ސާބިތުކުރެވޭ ވަރުގެ ހެކި ނެތްކަމަށް ބުނެފައެވެ. ތަފާތު 12 ތުހުމަތެއް އޭސީސީން ކޮށްފައިވާއިރު، އޭގައި ހުރީ އިދާރީ މައްސަލަތަކެއްކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ވެންޓިލޭޓަރު ގަތުމުގައި ހިޔާނާތުގެ އަމަލު ހިންގުމުގައި 11 ބޭފުޅަކު ޝާމިލްވާ ކަމަށް އޭސީސީން މީގެކުރިން ވަނީ ބުނެފަައެވެ. އެ ކޮމިޝަނުން ބުނީ ވެންޓިލޭޓަރު މައްސަލައިގައި ތުހުމަތުކުރެވޭ ހުރިހާ ބޭފުޅުންގެ މައްސަލަ އަދި ފައިލް ނުކުރާ ކަމަށެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މެއި 3، 2021 ގައެވެ.

އެގްޒެކިއުޓާސްއާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރުމުން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައި ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްސަލައިގައި ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ތިން ފަހަރެއްގެ މަތިން ވަނީ ފޮނުވާފައެެވެ. އެ މައްސަލަ ޕީޖީން އޭސީސީއަށް އަނބުރާ ފޮނުވާލާފައިވަނީ މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތުމުން ކަމަށް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު