އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާ ކުރަން ތައްޔާރުވެފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައިވާއިރު އެމްއެމްޕީއާރުސީގެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް ޔާމީން، ކުރީގެ ނާއިބު ރައީސް އަދީބް، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔަތު އަދި ކުރީގެ މެމްބަރު މުހައްމަދު ނިހާނުގެ މައްޗަށެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އިތުރު ބަޔަކަށް ދައުވާ ކުރަން ފޮނުވާނެ ކަމަށެވެ. އެގޮތުން އަންނަމަހުގެ މެދެއްހާތަނުގައި ދައުވާކުރަން ފޮނުވޭނެކަމަށް ދެކޭކަމަށް އެނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތް ތަހުގީގުކުރީ އޭސީސީ އާއި ފުލުހުންގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެނެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން އާއްމުކޮށްފައިވާ ލިސްޓުގައި 267 ނަމެއް ހިމެނެއެވެ.

ނަމަވެސް، އޭސީސީން މިހާރު ދައުވާ ކުރަން ތައްޔާރުވަނީ ކިތައް މީހުންގެ މައްޗަށް ކަމެއް ހާމައެއް ނުކުރެއެވެ.

އޮޑިޓު އޮފީހުން މިދިޔަ އަހަރު އެކުލަވައިލި ރިޕޯޓުގައި ވަނީ އެމްއެމްޕީއާރްސީން 37 ރަށާއި 12 ފަޅު ނުއަގުގައި ވިއްކާލުމުން ދައުލަތަށް ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު