އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ސިޔާސީ އޮއިވަރުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާކަމަށް ދޭހަވާގޮތަށް ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ފެނަކައިގެ އެމްޑީ އަހުމަދު ސައީދު ރައްދު ދެއްވައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއެއްގައި ރައީސް ނަޝީދު ވަނީ، ކޮންގްރެސްގައި ވަކި ގޮތަކަށް ވޯޓު ދިނުމުގެ ސަބަބުން ވަޒީފާ ގެއްލި ދިއުމުގެ ބިރުވެރިކަމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދައިން ވިދާޅުވުމަށްފަހު، މިސާލެއްގެ ގޮތުގައި ރައީސް ނަޝީދާއި ވާހަކަ ދައްކައިފިނަމަ ފެނަކައިގެ މުވައްޒަފުން ވަޒީފާއިން ކަނޑާލާނަމޭ އެ ކުންފުނީގެ އެމްޑީ އަޙްމަދު ސައީދު ވިދާޅުވެދާނެކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް ފެނަކައިގެ ސީއީއޯ ސައީދު ވިދާޅުވެދާނެ އަޅުގަނޑާ ވާހަކަދައްކައިފިއްޔާ ވަޒީފާއިން ކަނޑާލާނަމޭ. އެކަމަކު އެހެންނެށް ނުވާނެ. އަޅުގަނޑުމެން ވެސް މި ތިބީ މި ޕާޓީގައި ދެމިތިބެން. އަޅުގަނޑުމެން ވެސް މި ތިބީ މި ރާއްޖޭގެ މަސްލަހަތު ހޯދައިދޭން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވާ ސައީދު މިއަދު ވިދާޅުވީ، މާލޭގައި މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ކޮންގްރެސްގެ މަންދޫބުންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު އެހެން ވިދާޅުވީ، ވަކި މައްސަލައެއް އޮވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، ފެނަކައިގެ އެއްވެސް މުވައްޒަފަކަށް ވަކި ކަމަކަށް ވޯޓު ދޭން ނުވަތަ ނުދޭން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. އަދި ކޮންގްރެސްގައި ނިންމާ ނިންމުންތަކަށް މިނިވަންކަމާއެކު ވޯޓު ދެވޭނެ ކަމަށް ސައިމީދު ވިދާޅުވިއެވެ. މީގެއިތުރުން ރައީސް ނަޝީދު ފެނަކައިން މިސާލު ނެންގެވީ އިތުބާރު ކުރަށްވާލެއް ބޮޑުކަމުން ކަމުގައި ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއް އައީ އެފަދަ ކަންކަން ނުކުރަން. ފެނަކައިގެ އެއްވެސް މުވައްޒަފަކަށް އެފަދަ އެއްވެސް ބިރުވެރިކަމެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.

ނަޝީދު ފެނަކައިން މިސާލު ނަންގަވައި ނުސީދާކޮށް ސައީދަށް ބަހުގެ ހަމަލާއެއް ދެއްވިއިރު އެ ޕާޓީގެ ޗެއަރޕާސަންގެ އިންތިހާބާއި ގުޅުވައިގެން ވެސް ސައީދަށް އެފަދަ ތުހުމަތުތަކެއް ރައީސް ނަޝީދު ވަނީ ކުރައްވާފައެވެ. ނަމަވެސް، އޭގެ ރައްދުގައި ސައީދު ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު