ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރ ޑރ. މުހައްމަދު ޖަމީލު އަހުމަދާ މިރޭ ބައްދަލުކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަން ހާމަވެއްޖެއެވެ.

މިރޭ އިރާކޮޅުގެ ވަގުތެއްގައި ޑރ. ޖަމީލާއި ބައްދަލުކުރައްވަން ރައީސް ނަޝީދު އެގެއަށް ވަޑައިގެންނެވިކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ހަބަރު ފަތުރާފައެވެ. އަދި ރައީސް ނަޝީދުގެ ކާރުކޮޅު ޑރ. ޖަމީލު ދިރިއުޅުއްވާ ގޭގެ ކުރިމަތިން ފެންނަ ފޮޓޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.



ނަމަވެސް "ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ އެއްވެސް ބައްދަލުވުމެއް ނުހިނގައެވެ. އަދި ރައީސް ނަޝީދު ޑރ. ޖަމީލުގެ ގެއަކަށްވެސް ވަޑައެއްނުގަންނަވައެވެ.

ރަސް އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު މިރޭ ވަޑައިގަތީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ގެއަށެވެ. އަދި އެ ގޭގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންނާއެކު ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ނަޝީދާއި ޑރ. ޖަމީލު ބައްދަލުކުރެއްވިކަމުގެ އަޑުތަކެއް ފެތުރިފައި މިވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެބައިވުމުގެ ސަބަބުން ޕާޓީގެ ތެރޭގައި މައްސަލަތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު