މާލީ ރިޕޯޓްތައް އެކުލަވާލާއިރު ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އަމަލުކުރުން މުހިއްމުކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ މިހެން ވިދާޅުވީ އޭނާ ރައީސަކަށް ހުންނަވާ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އެކައުންޓިންގ ސްޓޭންޑާޑްތަކަށް ޚާއްސަކޮށްގެން އިންތިޒާމްކުރި އައި.އެފް.އާރް.އެސް އަދި އައި.އެސް.އޭ.އެސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އޮޑިޓަރ ޖެނެރަލް ނިޔާޒީގެ ވިދާޅުވީ މާލީ ރިޕޯޓްތަަކަކީ ގިނަ ބަޔަކު ބޭނުން ހިފާ އެއްޗެއްކަމަށެވެ. އެހެން ކަމުން ރަނގަޅު މައުލޫމާތު ގެނެސްދިނުން މުހިއްމުކަމަށް އޮޑިޓަރަ ޖެނެރަލް ވިދާޅުވިއެވެ.



މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ސީއޭގެ މޯލްޑިވްސްގެ ކައުންސިލް މެމްބަރ ފަތުޙުﷲ ޖަމީލް ވަނީ އެކައުންޓިންގ ސްޓޭންޑަރޑް ތަކުގެ މުހިންމުކަމާއި ސީޕީޑީ ސެޝަންތަކުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަދައްކަވާފައެވެ.

2 ދުވަހުގެ މުއްދަތަކަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ބިސްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ސީއޭ މޯލްޑިވްސްގެ ކައުންސިލްގެ އިތުރުން ޓެކްނިކަލް އެންޑް ސްޓޭންޑަރޑް ކޮމިޓީގެ މެމްބަރުންނާއި އަދި އެކައުންޓިންގ ދާއިރާގެ ފުންނާބު އުސް ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ފޯރަމްގައި މެލޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓްސްގެ ދެ މެމްބަރުންގެ އިތުރުން ކުރީގެ އޮޑިޓަރ ޖެނެރަލް އަދި ނައީމް އެންޑް ޖިނާން އެލް.އެލް.ޕީގެ ޕާޓްނަރ އިބްރާހިމް ނަޢީމްގެ ފަންނީ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ސީއޭ މޯލްޑިވްސް އިން މި ފަދަ ފޯރަމެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ އިންސްޓިޓިއުޓްގެ މެމްބަރުންނާއި، ދިވެހިރާއްޖޭގައި އެކައުންޓިންގ ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު