ދައުލަތަށް މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ 47 އިންސައްތަ އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ދައުލަތުގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 17.2 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 11.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 47 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ މިހާތަނަށް 17.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މީގެތެރެއިން 12.6 ބިލިއަން ރުފިޔާއަކީ އެކި އެކި ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.5 ބިލިއަން ރުފިޔާއެވެ.

ޓެކްސް އާމްދަނީގެ ތަފްސީލްތަކަށް ބަލާއިރު ޓީޖީއެސްޓީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ، ޖީއެސްޓީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަަތަށް 1.7 ބިލިއަން ރުފިޔާ މި މުއްދަތުގައި ލިބިފައިވެއެވެ. މީގެއިތުރުން ގްރީން ޓެކްސްގެ ގޮތުގައި ވަނީ 615 މިލިއަން ރުފިޔާ ލިބިފައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 4.5 ބިލިއަން ރުފިޔާގެ ތެރޭގައި އެކިއެކި ފީއާއި ޗާޖުގެ ގޮތުގައި ލިބިފައިވާ 1.6 ބިލިއަން ރުފިޔާއާއި، ރިސޯޓް ކުއްޔާއި އެހެނިހެން ކުލީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އާއި ކުންފުނިތަކުގެ ޑިވިޑެންޑްގެ ގޮތުގައި ލިބިފައިވާ 525 މިލިއަން ރުފިޔާ ހިމެނެއެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް ހުރީ 24.2 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި ޚަރަދުތަކާއި އަޅާބަލާއިރު %13 އިތުރު ޢަދަދެކެވެ. ދައުލަތުގެ ޚަރަދު 24.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެތެރެއިން 16.3 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ޚަރަދެވެ. ރިކަރަންޓު ޚަރަދުތަކުގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ދެ ބައެކެވެ. އެއީ ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިދާރީ އަދި ހިންގުމުގެ ޚަރަދުތަކެވެ. އަހަރުގެ މިހާތަނަށް ސަރުކާރު މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 6.4 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި ތަރައްޤީގެ މަސައްކަތްތަކަށް ވަނީ 5.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އޭގެތެރޭގައި މަގުތައް ހެދުމާއި، ބަނދަރާއި އެއަރޕޯޓްތައް ތަރައްޤީކުރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު