ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލަ ތަހުގީގު ކުރުމަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީ އިން ބުނީ ވެންޓިލޭޓަރުތަކުގެ މައްސަލަ އެކޮމިޝަނުން ތަހުގީގު ކުރެވޭނެ އެންމެ ފުރިހަމައަށް އެ ތަހުގީގު ކުރުމަށްފަހު އަމީނާއެކު މައްސަލައިގައި ހިމެނޭ އެހެން މީހުންގެ މައްޗަށްވެސް ދައުވާކުރުމަށް ތިން ފަހަރަށް ޕީޖީ އޮފީހަށް ފޮނުވުނު ކަމަށެވެ.

ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލާފައިވާތީ އަމީނާއި އަދި އިތުރު އަށް މީހެއްގެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ. އަދި ތިން މީހެއްގެ މައްސަލައިގައި މަޝްވަރާކޮށްގެން ދައުވާ ކުރުމާ މެދު ގޮތްތަކެއް ހޯދަމުންދާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

ވެންޓިލޭޓަރު ގަތުމުގައި ހިޔާނާތުގެ އަމަލު ހިންގުމުގައި 11 ބޭފުޅަކު ޝާމިލްވާ ކަމަށް އޭސީސީން މީގެކުރިން ވަނީ ބުނެފަައެވެ. އެ ކޮމިޝަނުން ބުނީ ވެންޓިލޭޓަރު މައްސަލައިގައި ތުހުމަތުކުރެވޭ ހުރިހާ ބޭފުޅުންގެ މައްސަލަ އަދި ފައިލް ނުކުރާ ކަމަށެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މެއި 3، 2021 ގައެވެ.

އެގްޒެކިއުޓާސްއާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރުމުން ލިބުނީ މިހާތަނަށް 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްސަލައިގައި ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ތިން ފަހަރެއްގެ މަތިން ވަނީ ފޮނުވާފައެެވެ. އެ މައްސަލަ ޕީޖީން އޭސީސީއަށް އަނބުރާ ފޮނުވާލާފައިވަނީ މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތުމުން ކަމަށް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު