ފާއިތުވި ތިރީހަކަށް އަހަރުން ނުގެނެވުނު ތަރައްގީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މި ގެންދަނީ ގެންނަމުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިރޭ ފެށި އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން، ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގައި އަސާސީ ހިދުމަތްތައް ގާއިމު ކުރުމުގެ ގޮތުން ސަރުކާރުން ގެންނަމުންދާ ތަރައްގީއަކީ މިހާތަނަށް ތިރީސް އަހަރު ދުވަހުގެ ތެރޭގައި ވެސް ގެނެވިފައިވާ ތަރައްގީއެއް ނޫންކަމަށެވެ. އަދި އެކަމަށް ކޮންގްރެސްއަށް ރަށްރަށުން ވަޑައިގެން ތިއްބެވި ބޭފުޅުން ހެކިވާނެކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

"ހަމަގައިމުވެސް ތިބޭފުޅުންގެ ލޯކުރިމައްޗަށް ފެނިވަޑައިގަންނަވާނެ، ކޮންމެ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމު ކުރުމަށްޓަކައި މި ސަރުކާރުން މިއަދު ކުރަމުންދާ މަސައްކަތްތައް، އެއީ މިހާތަނަށް ދިވެހިރާއްޖޭގެ ތިރީހަކަށް އަހަރު އެއްކޮށްލީމަވެސް ނުވާވަރުގެ މަސައްކަތް މިދަނީ ކުރަމުން." ސަރުކާރުގެ ކާމިޔާބީއަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ދެ ވެރިކަމުގައި ކުރެވުނު އެންމެ މުހިންމު ކަމަކީ ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުން ނޫންކަމަށާއި އަދި އުމްރާނީ ތަރައްގީއެއްވެސް ނޫންކަމަށެވެ. އޭގެ ބަދަލުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ދެކެނީ، ރާއްޖޭގެ ރައްޔިތުންގެ ފިކުރަށް ގެނެވުނު ބަދަލު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކޮންގްރެސް ފެށުމަށް މިރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ޞާލިޙްގެ އިތުރުން ރައީސް ނަޝީދު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދެ ބޭފުޅުންގެ އިތުރުން ދެން ވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކައިގައި ވެސް އެމްޑީޕީގެ ކާމިޔާބީތަކަށް އަލިއަޅުވާލެއްވިއެވެ. އަދި ކުރިމަގުގައި ވެސް އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ.



ކިޔުންތެރިންގެ ހިޔާލު