އެމްޑީޕީއާއި އެޕާޓީއަށް ތާއީދުކުރާ އެތައް މެންބަރުންނަކަށް ގޮންޖަހާފައި ހޯދޭނެ ކާމިޔާބީއެއް ނެތްކަމަށް އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ފެށި އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ކޮންގްރެސްގައި "ވެރިކަމުގެ ނިޒާމުގެ ބަހުސް" މާ ބާރަށް ކުރެވޭނެކަމަށެވެ. އަދި ޕާޓީއަށް ތާއީދުކުރާ އެތައް ބައެއްގެ ވިންދާއި އިހުސާސްތަކާއި އުންމީދުތައް ހުރަސްކޮށް ގޮންޖަހާފައި ހޯދޭނެ ކާމިޔާބީއެއް ނެތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ކޮންރެސްގައި މި ސުވާލުގެ ބަހުސް އަޅުގަނޑަށް ޔަގީން، މާ ބާރަށް ކުރެވޭނެ. ޕާޓީއަށް ތާއީދުކުރާ އެތައް ބައެއްގެ ވިންދު، އިހުސާސް، އުއްމީދު ހުރަސްކޮށް ނަގާލައި، ގޮން ޖަހައި ކުރިއަށް ގޮސް އަޅުގަނޑުމެންނަށް ހޯދޭނެ ކާމިޔާބީއެއް ނެތް،" ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ނުސީދާކޮށް ރައީސް ޞާލިހަށް އަމާޒުކުރަށްވައި ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ދާއިރު މިހާރު އޮތް ސަރުކާރު ކޯލިޝަން އެގޮތުގައި އޮންނާނެ ކަމަށް ދެކުމަކީ އަވާމެންދުރެއްގައި ތިބުން ކަމަށެވެ. އެހެންކަމުން ކޯލިޝަނާމެދު ޔަގީންކަން ނެތްއިރު، އެމްޑީޕީ އެކު އެކީގައި ތިބެ އިންތިހާބާ ކުރިމަތި ނުލައިފިނަމަ ޕާޓީއަށް ލިބެން އޮތް މިންވަރު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙަށް މުހާތަބު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ޕާޓީގެ ހުރިހާ މެންބަރުން އެކުގައި ބައިތިއްބައިގެން ކުރިއަށް ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިރޭ ފެށި ކޮންގްރެސްއަކީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން އެކުގައި ސިޔާސީ މަސައްކަތުގައި ނުފެނި ގިނަ ދުވަސްތަކެއް ވުމަށްފަހު އެ ޕާޓީގެ އިސްލީޑަރު ރައީސް ޞާލިޙާއި ޕާޓީގެ ރައީސް ނަޝީދު އެކުގައި ފެނިގެންދިޔަ ބައްދަލުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު