އެމްޑީޕީއަށްވުރެ ބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން ދިރުވާ އާލާކޮށްފައި ނުވާކަމަށް އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިރޭ ފެށި އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީއަށްވުރެ ވަކި ބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާ ދިރުވާ އާލާކޮށް ދަމަހައްޓާފައި ނުވާކަމަށެވެ. އަދި އެމްޑީޕީ އުފެދިގެންއައީ ގަބޫލުކުރާ ހަމަތަކަކާއި އުސޫލުތަކަކާއި ގެންނަން ބޭނުންވާ ބަދަލުތަކެއްގެ މައްޗަށްކަމަށާއި، އެއް ކަމަކީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުން އޭރު އިވެމުންދިޔަ ރުއިމުގެ އަޑުކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަނެއްކަމަކީ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ދިޔުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީ އުފެއްދުމަށް މަސައްކަތްކުރި ކޮންމެ މީހަކުވެސް ދެކޭގޮތުގައި މިއީ އެމީހުން އުފެއްދި އެމީހުންގެ ޕާޓީކަމަށާ، އެޕާޓިއަށްވުރެ ވަކިބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާ، ދިރުވައި އާލާކޮށް ދަމަހައްޓާފައި ނެތްކަމަށެވެ.

އެމްޑީޕީ ތެރޭ މިހާރު އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް އިޝާރާތް ކުރައްވާ މިރޭގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއަކީ ހިޔާލުތަފާތުވުންތަކަށް ޖާގަ އޮންނަ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީއަށް އޮތީ ހިޔާލުތަފާތުވުންތަކާއެކު ކުރިއަށް ދިޔުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު