މިރޭ ފަށަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމަށް 1178 މެންބަރުން ރަޖިސްޓްރީ ވެފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ކޮންގްރެސް ފެށުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވާއިރު، ކޮންގްރެސް އާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމުގެ އިންތިޒާމުތަކުގައި އިސްކޮށް އުޅުއްވާ އިބްރާހީމް ވަޙީދު ވިދާޅުވީ، ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 1365 މީހަކަށް ލިބިފައިވާ ކަމަށާ، ނަމަވެސް، ރަޖިސްޓްރީ ކޮށްފައިވަނީ 1178 މީހުން ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮންގްރެސްއަށް ރަޖިސްޓްރީވި މީހުންނަށް ފާސް ދޫކުރުމުގެ މަސައްކަތް އެމްޑީޕީގެ އޮފީހުގައި ކުރިއަށް ދާކަމަށާ، 1178 މީހުންގެ ތެރެއިން މިހާތަނަށް އައިއިރު 900 އަށްވުރެ ގިނަ މީހުން ފާސް ނަގާފައިވާ ކަމަށެވެ.

ވަހީދު ވިދާޅުވީ، ކޮންގްރެސްއަށް މާލެ ގެންނަންޖެހޭ ފަރާތްތައް މާލެ ގެނައުމުގެ މަސައްކަތް ވެސް ކުރެވިފައިވާކަމަށާ، އެގޮތުން މާލެ ގެންނަންޖެހޭ ހުރިހާ ފަރާތްތައް މާލެ ގެނެސް ނިންމާލެވިފައިވާ ކަމަށެވެ. އަދި މިރޭ ކޮންގްރެސް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް ވެ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ބާއްވާ މި ކޮންގްރެސް ވެގެންދާނީ އެ ޕާޓީގެ ކުރިމަގު ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކޮންގްރެސްއަކަށެވެ.



ކިޔުންތެރިންގެ ހިޔާލު