އަހުމަދު މަސްނޫމް   19 އޯގަސްޓު 2022 - 13:27
މިރެއަކީ ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއަށްވެސް ބޮޑުރެއެކެވެ. ބޮޑު ދެޕާޓީ ވެރިރަށް، މާލޭގެ ދެކޮޅަށް އެއްވާ ރެއެވެ. މާލޭގެ ހެންވޭރު ކޮޅުގައި އޮންނާނީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތެވެ. މާފަންނުކޮޅުގައި ފަށާނީ ރާއްޖެގެ އެންމެ ބޮޑު ސިޔާސި ޕާޓީ އަދި ވެރިކަން ކުރާ އެމްޑީޕީގެ ބިޔަ ކޮންގްރެސްއެވެ.

އެމްޑީޕީގެ ކޮންގްރެސްއަށް ބަލާލާއިރު، ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ކޮންގްރެސްގައި 1000 އަށްވުރެ ގިނަ މެންބަރުން އެހަރަކާތުގައި ބައިވެރިވާނެއެވެ. އަދި ޕާޓީ ހިންގުމާއި މުސްތަގުބަލާއި ގުޅޭގޮތުން މުހިއްމު ނިންމުންތަކެއް ނިންމާނެއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ހިނގާނެ އެންމެ ބޮޑު ކަމަކަށް އޮންނާނީ އެޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ހުށަހަޅުއްވާ ބަރުލަމާނީ ގަރާރާއި މެދު ގޮތެއް ނިންމުމެވެ. ދެ ފެކްޝަންގެ މެދުގައި މިކަމާއި ގުޅިގެން ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު، ގިނަ ބަޔަކު ގަބޫލުކުރަނީ އެ ހުށަހެޅުން ފާސްނުވާނެކަމަށެވެ. ނަމަވެސް ރައިސް ނަޝީދު ގެންދަވަނީ އެގަރާރަށް ތާއީދު ހޯދުމަށް ވަރަށް ގަދަޔަށް ކެމްޕެއިން ކުރައްވަމުންނެވެ.



ޕީޕީއެމްގެ ޖަލްސާއަށް ބަލާއިރު، ބައެއް ރަށްރަށުންވެސް މީހުން ދަނީ ޖަލްސާއަށް ޖަމާވަމުންނެވެ. ބެލެވޭ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ޖަލްސާގައި ބައިވެރިވާނެއެވެ.

މިޖަލްސާގައި އޮންނާނެ އެންމެ މުހިއްމު ކަމަކީ 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީނާ ރަސްމީކޮށް ހަވާލުކުރުމެވެ. ޕީޕީއެމްގެ ސެނެޓުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެ ނިންމުން ނިންމާފައެވެ.



ބެލެވޭ ގޮތުގައި މިޖަލްސާގައި ކުރިއަށްއޮތްތަނުގައި ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށްދާނެ ގޮތަކާއި ބެހޭ މުހިއްމު ވާހަކަތަކެއް އަންނާނެއެވެ. ޚާއްސަކޮށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމިން މިރޭގެ ޖަލްސާގައި ދައްކަވާ ވާހަކަފުޅަކީ އިދިކޮޅު މެންބަރުންނަށާއި ޕީޕީއެމް/ ޕީއެންސީގެ ވާދަވެރިންނަށް ވެސް މުހިންމު ވާހަކަފުޅު ތަކަކަށް ވާނެއެވެ.

ކޮންމެއަކަސް މިރެއަކީ ރާއްޖޭގެ ސިޔާސީ ދެ ޕާޓީއަށް މުހިއްމު ރެއެކެވެ. ދެޕާޓީގެ މެންބަރުންނަށް އަދި މާ މުހިންމު ރެއެކެވެ. މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނުރަސްމީކޮށް ދެ ޕާޓީން ލޯންޗުކުރުންކަމަށްވެސް ވެދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު