ރާއްޖޭގައި މިިހާތަނަށް ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގައި، އެ ނިޒާމު ޤާއިމުކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް އއ. ތޮއްޑޫގައި ނަރުދަމާ ވިއުގަ އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އއ.ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް އިއްޔެ ފަށާފައިވާއިރު އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރައިވެޓް ލިމިޓެޑާއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަޙުމަދު ކަރަމް ވިދާޅުވީ، ގޭބިސީތައް އިތުރުވުމާއި، ނަރުދަމާ ޖަންގްޝަންތައް ގޭގެ ގޯތިތެރޭގައި ބަހައްޓަން ޖެހުމާއި އަލަށް ގެދޮރުއަޅާ ފަރާތްތަކަށްވެސް ނަރުދަމާ ނެތުމުގެ ދަތިކަން ކުރިމަތިވާކަމަށެވެ. އަދި ދެމެހެއްޓެނިވި ނަރުދަމާގެ ނިޒާމެއް ނެތުމުގެ ސަބަބުން ރަށުގެ ފެން ފަށަލަ ތަޣައްޔަރުވުމުގެ މައްސަލަ ކުރިމަތިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވީމަ މިއީ ހުރިހާގޮތަކުންވެސް ރަށަށް މުހިންމު މަޝްރޫއެއް." ކަރަމް ވިދާޅުވިއެވެ.

ތޮއްޑޫ ނަރުދަމާ ނިޒާމްގެ މަޝްރޫޢުގެ ދަށުން، ޖަންގްޝަންތައް ހެދުމާއި ގޭގެއަށް ފެން ގުޅައިދިނުން ކުރިއަށްދާނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 2އަހަރާ 2 މަހުން ނިންމާގޮތަށެވެ.

މިއީ ސަރުކާރުގެ ބަޖެޓުން 29.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ސަރުކާރުން ދަނީ ރާއްޖެގެ މިހާތަނަށް ފެނާއި ނަރުދަމާ ގާއިމްވެފައި ނުވާ ރަށްތަކުގައި އެމަސައްކަތް މި ދައުރުގެ ތެރޭގައި ނިންމާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު