އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ލައްވާ ބޭކާރު މަސައްކަތްތައް ކުރުވާފައި، ބަޔަކު އަތުންފައިން މަސައްކަތެއް ނުކޮށް ޓްވީޓް ކުރަން ތިބޭކަމަށްބުނެ ނަޝީދުގެ ފެކްޝަންގެ އިސް ފަރާތްތަކަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ ޢަލީ މަނިކު (މޫކޭ) ފާޑުވިދާޅުވެއްޖެއެވެ.

މޫކޭ މި ފަދައިން ވިދާޅުވީ، މާދަމާ ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ނިޒާމާގުޅޭ ގަރާރާއި، އަދި އެ ކޮންގްރެސް ފަސްކުރަން، މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު ޢަލީ އާޒިމް ގޮވާލާފައިވާތީ އެކަމާ ގުޅުވައިގެންނެވެ.

މޫކޭ ފޭސްބުކްގައި ވިދާޅުވީ، ރައީސް ނަޝީދު ލައްވާ ބަރުލަމާނީ ގަރާރު ހުށަހަޅުވާފައި އަތުންފައިން ކަމެއްނުކޮށް ޓްވީޓް ކުރަން ތިބެފައި ކޮންގްރެސްއިން މޮޅުވާނެ އެއްވެސް ގޮތެއް ނުފެނުނީމާ ކޮންގްރެސް ނުބާއްވަން ގޮވަންވީކީ ނޫންކަމަށެވެ. އަދި ރައީސް ނަޝީދުގެ މަސައްކަތަށް އެހީތެރިވެ ނުދެވެންޏާ، އެމަނިކުފާނު ލައްވާ ބޭކާރު ކަންކަން ނުކުރުވުމަށް މޫކޭ ވަނީ ގޮވާލައްވާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ހުޅުފަޅައިގެން ގޮސް އުފެދުނު ޕާޓީގެ ދެ ފެކްޝަންގެ ވާދަވެރިކަމަށް ނިމުމެއް ނައިސް، މާދަމާ އޮންނަ ކޮންގްރެސްއަށް ވެސް ވަނީ އޭގެ ހިޔަނި އެޅިފައެވެ. އެގޮތުން، ކޮންގްރެސްއަށް ނުގަވާއިދުން ބަޔަކު ވައްދަން މަސައްކަތް ކުރާކަމުގެ ތުހުމަތު ވެސް ނަޝީދުގެ ފެކްޝަނުން އަންނަނީ ކުރަމުންނެވެ. އަދި އެ ތުހުމަތުތަކާއެކު ކޮންގްރެސް ފަސްކުރަން ގޮވާލާފައިވީނަމަވެސް، ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެފައިވަނީ، ކޮންގްރެސް ފަސްކުރަންޖެހޭ ފަދަ ސަބަބެއް މެދުވެރިވެފައި ނެތްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު