މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެ ޕާޓީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ކޮންގްރެސްގައި ނުގަވާއިދުން ބަޔަކު ބައިވެރިކުރަން އުޅޭކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ކުރައްވައި ކޮންގްރެސް ފަސްކުރަން ގޮވާލާފައިވާތީ އެކަމާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފައްޔާޒު މިއަދު ވިދާޅުވީ، މިހާތަނަށް ދެ ގޮތްޕަކާ ގުޅޭ 17 މައްސަލައެއް ލިބިފައިވާ ކަމަށާއި އެ މައްސަލަތައް ބެލުމަށްފަހު ގަވާއިދާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

އެހެންވީމާ އެކަމުގައި ކޮންގްރެސް ލަސް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އަދި ކޮންގްރެސް ފަސްކުރުމުގެ ބާރު ޗެއާޕާސަނަށް ނޯންނަ ކަމަށާއި އެއީ އެމްޑީޕީގެ ގައުމީ މަޖިލީހަށް އޮންނަ ބާރެއް ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

މާދަމާ ކޮންގްރެސް ފަށަން ތައްޔާރުވެފައި ވާއިރު، ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓް ކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފީގެ ގަވާއިދާ އެއްގޮތަށް އިންތިހާބު ވެފައިވާ ފަރާތްތައް ނޫންކަމަށާ އަދި ގޮފިތަކުން ކޮންގްރެސްގައި ތަމްސީލުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށް އާޒިމް، ފައްޔާޒާށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވެއެވެ. އެހެންކަމުން، އެފަރާތްތައް މި ކޮންގްރެސްގައި ބައިވެރިވެއްޖެ ނަމަ، ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމަށް ޖާގަ ދެވިގެންދާނެ ކަމަށް އަލީ އާޒިމް ވިދާޅުވެފައި ވެއެވެ.

އެހެން ކަމުން، ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުން ނުވަތަ ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރު ކުރުމަށްފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު