ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނިޒާމީ ވޯޓް ނުނެންގެވީ ކީއްވެތޯއޭ ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ސުވާލު ކުރަށްވައިފިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެެއް ނެގުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގަރާރެއް ހުށައަޅާފައެވެެ. އެމްޑީޕީގެ ރަައީސް، މުހައްމަދު ނަޝީދު ހުށަައެޅުއްވި ގަރާރަށް ތާއިދު ހޯދުމުގެ އެމަނިކުފާނު ވަނީ މަސައްކަތް ފައްޓަވާފައެެވެ.

އެކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ފެށުނީސްސުރެ އެއް ވާހަކަ އެއް ދައްކާ މީހާއާއި ދެއިރު ދެ ދަޅައަށް ވާހަކަ ބަދަލުކުރާ މީހާގެ ތެރެއިން ތެދުވެރި މީހަކީ ކާކުކަން އެކަކަށްވެސް ނޯޅޭނެ ކަމަށެވެ.

ވައްޑެ ދެއްކެވި އެ ވާހަކައަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ ‏އެއް ގޮތެއްގައި އެއްކަމެއްގައި ދެ ގޮތެއް ނުވެ ހުރި މީހަކަށް އަމިއްލަ އިހްތިޔާރުގައި ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް 2008ން 2012 އަށް ވެރިކަމުގައި ހުންނެވިއިރު ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެެވެ. އެ މުއްދަތުގައި ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ މިހާރު ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.



"ގާނޫނު އަސާސީގެ 115 މާއްދާއިން ލިބިފައިވާ ފުރުސަތުގެ ބޭނުން ނުކޮށް މިއަދު އެކަން ރައީސް ސޯލިހް ލައްވާ ކުރުވަން އުޅެނީ އިޚްލާޞްތެރިވީމަތޯ؟" ޖުމުހޫރީ ޕާޓީގެ މެމްބަރު ސަމީރު ވައްޑެއާ ސުވާލު ކުރެއްވިއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ކޮންގުރެސްއަށް ހުށައެޅުއްވި ގަރާރަށް ތާއިދު ނުކުރަށްވާ ކަމަށް ރައީސް ސޯލިހް ވަނީ ހާމަކުރަށްވާފައެެެވެ. ރައީސް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި ވެރިކަމުގެ ނިޒާމުގެ މައްސަލައެއް އޮތް ކަމަށްވެސް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު