ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ގާތުގައި އެހުމަކީ އިންކާރު ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވެެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ކޮންގުރެސްއަށް ގަރާރެއް ހުށައަޅުއްވާފައެވެ. އެ ގަރާރު އަނބުރާ ގެންދަވަން އެމްޑީޕީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައި ވަނިކޮށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ރައްޔިތުން އެދޭ ރަނގަޅު ގޮތް އެނގޭނީ ރައްޔިތުންނަށް ކަމަށެވެ.

އަދި އެގޮތް ހޯދޭނީ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ގިނަ މެމްބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށެވެ.



"އެމްޑީޕީގެ ގިނަ މެންބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މިފަދަ ވޯޓެއް ނެގުމަށް. ރައްޔިތުން ގާތުގައި އެހުމަކީ އެކަކަށްވެސް އިންކާރު ކުރެވޭނެ ކަމެއް ނޫން،" ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ކޮންގުރެސްއަށް ހުށައެޅުއްވި ގަރާރަށް ތާއިދު ނުކުރަށްވާ ކަމަށް ރައީސް ސޯލިހް ވަނީ ހާމަކުރަށްވާފައެެެވެ. ރައީސް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި ވެރިކަމުގެ ނިޒާމުގެ މައްސަލައެއް އޮތް ކަމަށްވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

މީގެއިތުރުން ކޯލިޝަން ލީޑަރުންގެ ތެރެއިން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މައުމޫން ވެސް ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން އިއުލާން ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު