ރައްޔިތުންގެ އިހުސާސްތައް ނުބަލައި ކަންކަން ނިންމުމަކީ އޭގެ ސަބަބުން މުޅި ޤައުމަށްވެސް ގެއްލުންވާނެ ކަމެއްކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މެމްބަރު އަހުމަދު މިހެން ވިދާޅުވީ މިހާރު ހިނގަމުންދާ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ހޫނު ބަހުސާއި މިހާރުގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުއްވުމަށް ނިންމާފައިވާ ގަރާރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު އަހުމަދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުމަށް ނިންމާފައިވާ ޤަރާރަކީ ރައްޔިތުންގެ ތާއީދު ނެތް ގަރާރެއްކަން މިހާރުވެސް ހާމަވެފައިވާކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ގަރާރު މިހާރުން މިހާރަށްވެސް އަނބުރާ ގެންދެވުންކަމަށް އަހުމަދު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ރައްޔިތުން ބޭނުންވި ގޮތް ނިންމާފައިވާކަމަށާއި ނަމަވެސް އޭގެ 14 ވަރަކަށް އަހަރުފަހުން އަނެއްކާވެސް ނިޒާމު ބަދަލުކުރަން ރައްޔިތުންގެ އެއްވެސް މަޝްވަރާއެއްނެތި މަސައްކަތް ކުރުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ.

އަހުމަދު ވިދާޅުވީ ވެރިކަމަށް އާދެވެން އޮތް އެންމެ ކުރުމަގު ޚިޔާރު ކުރުމަށް ރައްޔިތުންގެ އިހުސާސްތައް ނުބަލައި ކަންކަން ނިންމުމަކީ އޭގެ ސަބަބުން މުޅި ޤައުމަށްވެސް ގެއްލުންވާނެ ކަމެއްކަމަށެވެ. އަދި ރައީސް ނަޝީދުގެ ޤަރާރަކީ ޕާޓީގެ އާންމު މެމްބަރުންނާއި، އިސް ބޭފުޅުންގެ ތާއީދު ނެތް ގަރާރެއްކަން ހާމަކުރަމުންދާއިރު، އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ މިހާރުން މިހާރަށްވެސް ގަރާރު އަނބުރާ ގެންދެވުން ކަމަށް އަހުމަދު ވިދާޅުވިއެވެ.

"އަދި ހަމަ އެހެންމެ ރައްޔިތުން އެދޭ މިސްރާބަށް ދީލާލެއްވުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް އަޅުގަނޑު ދެކެނީ. މި ޤަރާރަކަށް ކޮންގްރެސްގައިވެސް ތާއީދެއް ނުލިބޭނެ. ކޮންގްރެސްގައި ކަންކަން ނިމިގެންދާނީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް." އަހުމަދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން ރައީސް ނަޝީދު މަސައްކަތް ފަށްޓަވައިގެން އުޅުއްވި ނަމަވެސް އެކަމަށް މާބޮޑު ތަރުހީބެއް ނުލިބެއެވެ. ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ގެންދަވަނީ އެކަމާއި ދެކޮޅު ހައްދަވަމުންނެވެ.

ނިޒާމު ބަދަލު ކުރުމާއިމެދު ސިޔާސީ ހުރިހާ ޕާޓީތަކުންވެސް ތަކުރާރުކޮށް ބުނަމުންދަނީ މިއީ އެމަސައްކަތް ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި، އިދިކޮޅު ޕާޓީތައްވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު