ބަރުލަމާނީ ނިޒާމުގައި ވެެރިކަމަށް އައުމަށް ކޯލިޝަން ހަދަންޖެހޭ ކަމަށް އައްޑޫ ސިޓީ މަރަދޫ ކުރީގެ ކައުންސިލަރު ފައިސަލް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަން ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށައަޅުއްވާފައެވެ. އެމްޑީޕީގެ ރައީސް، ނަޝީދު އެ ގަރާރު ހުށައެޅުއްވާފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރިޔާސީ ނިޒާމުގައި ވެރިކަމަށް އަައުމަށް ކޯލިޝަން ހަދަންޖެހޭތީ ދިމާވާ އުނދަގުލުގެ މައްްސަލަ ހިމެނެއެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ ކޮންގުރެސް އަށް ހުށައަޅާފައިވާ ގަރާރާއި ބެހޭގޮތުން "ރަސްއޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީ މަރަދޫ ކުރީގެ ކައުންސިލަރު ފައިސަލް އިބްރާހިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމުގައި ވެސް ސަރުކާރެއް އުފެދެނީ ކޯލިޝަނާއި އެކުގައި ކަމަށެެވެ. އެގޮތުން މަޖިލީހުގައި އެއްޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަންޖެހޭ ކަމަށާއި އެ ނޫންގޮތަކަށް ވެެރިކަމަށް ނާދެވޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ ސިޔާސީ މަޝްރަޙަށް ބަލާއިރު މިވަގުތު އެންމެ ރަނގަޅީ ރިޔާސީ ނިޒާމް ކަމަށް ފައިސަލް ވިދާޅުވިއެވެ.

"ބަރުލަމާނީ ނިޒާމަކީ ވެސް ރަނގަޅު ނިޒާމެއް، އެހެން ނަމަވެސް ރާއްޖޭގެ މަޝްރަހާއި ރާއްޖޭގެ މާހައުލާއި ދިވެހި ރައްޔިތުންގެ ވިސްނުމަށް އެންމެންވެސް ބަލަންޖެހޭ، ބަރުލަމާނީ ނިޒާމުގައި މެޖޯރިޓީ ހޯދުމަށް ބޭނުންވާ އަދަދަށް މެމްބަރުން އެއްްޕާޓީއަށް ނުލިބިއްޖެ ކަމަށް ވަނީނަމަ އެއާ ކައިރިން އެންމެ ގިނަ މެމްބަރުން ތިބޭ ޕާޓީއަކާއި ހަމަ ކޯލިޝަން މަޖިލިސް ތެރެއިން ހަދަން އެބަޖެހޭ. ،އެއްބަސްވުމެއް ހަދަންޖެހޭ." ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ވެސް ރައްޔިތުން ވޯޓް ދިނީ ބަދަލަކަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު ރައްޔިތުން ބަދަލަށް ވޯޓު ދިން ދިނުން ނިމުމަކަށް އައިސްފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ ކޮންގުރެސް އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ފަައިސަލް ވިދާޅުވީ 800 އަށްވުރެ ގިނަ މީހުން އެ ކޮންގުރެސްގައި ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެމްޑީޕީގެ ކޮންގުރެސްގައި ބައިވެރިވާ މަންދޫބުން ނިންމުންތައް ނިއްމާއިރު ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭ ކަންތައްތަކަށް ބަލަންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެެ.

ކޮވިޑުގެ ހާލަތުގައި ރައްޔިތުން ބިކަވެ ހާލުގައި ނުޖެހި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުނީ ހިކުމަތްތެރި ރައީސަކާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި އޮތް ގާބިލް ޓީމުގެ ސަބަބުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

"ކޮވިޑާއެކު މިހާ ހިސާބަށް އާދެވުނުއިރު ގައުމުތަކުގައި މުސާރަތައް ކެނޑި. ގިނަ މީހުންގެ ވަޒީފާތައް ގެއްްލި ވަރަށް ގިނަ ވިޔަފާރިތަށް ބަނގުރޫޓްވެ ބައެއް ގައުމުތައް މުޅިންހެން ބަނގުރޫޓް ވެއްޖެ، މިސާލަކަށް ލަންކާ، އަޅުގަނޑުމެން 5 ލައްކަ މީހުން ތިބި ގައުމެއް މިދަނީ ބަރާބަރަށް ކުރިއަށް، ހުރިހާ ރައްޔިތުންގެ ކަންކަން ބަލަހައްޓަމުން ކޮވިޑު ތެރޭގައި ވަޒީފާ ގެއްލުނު މީހުންނަށް އިނާޔަތްތައް ދީ ބައިވަރު ކަންތައްތައް ކުރިއަށް ގެންދެވުނު، އަޅުގަނޑު ދެކޭގޮތުގައި ކޮންގުރެސްގައި ބައިވެރިވާ މަންދޫބުން މިކަންކަމަށް ރިއާޔަތްކޮށް ސަރުކާރުގެ ވިސްނުމަކީ އަދި ރައީސްގެ ވިސްނުމަކީ ކޮބައިކަން ދެނެގަނެ އެގޮތަށް ބައްޓަންވުމަކީ އެއީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ." ފައިސަލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު