ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ގަރާރު އެ ކޮންގްރެސްއިން ފާސް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި މިރޭ ވާހަކަ ދައްކަވަމުން އަޙްމަދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް އަދި ބަރުލަމާނީ ނުވިއްކޭނެ ކަމަށެވެ. އެގޮތުން، ބަރުލަމާނީ ނިޒާމެއް ގެންނަން މި ރާއްޖޭގެ ރައްޔިތުންގެ އަގުލަބިއްޔަތު ތާއީދު ނެތްކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ބަރުލަމާނީއަށް ދާކަށް ހަމަ ޔަގީނުންވެސް މި ރާއްޖޭގެ ރައްޔިތުން އަދި ބޭނުމެއް ނުވޭ، އެހެންވީމަ ރައްޔިތުން ބޭނުން ނުވާކަމެއް، ވެރިކަމަށްޓަކައި ނޫނީ ވަކި ބޭފުޅަކު ވެރިކަމަށް އައުމަށްޓަކައި ކުރަން މަސައްކަތް ކުރުމަކީ އެއީ ގައުމީ މަސްލަހަތަށް އޮތް ރަނގަޅު ގޮތެއް ނޫން. އަދި އެއީ ގައުމަށް ފައިދާހުރި ގޮތެއް ވެސް ނޫން." އެމްޕީ އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަރުލަމާނީގެ މައްސަލާގައި އެމްޑީޕީން މިފަހަރު މިދަނީ "ތިންފަށް" ވުމަށް ކަމަށެވެ. ނަމަވެސް، ކޮންގްރެސްއިން އެ ގަރާރު ފާސް ނުވާނެކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން އެބަ އޮތް ކަމަށާ އެހެންކަމުން އޭގެ ކުރިން އެ ގަރާރު ހުށަހެޅި ފަރާތުން އަނބުރާ ނެގުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ނިޒާމާގުޅޭ ގަރާރަށް ތާއީދު ހޯދުމަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، އެކަމަށް އަދި މިހާތަނަށް ލިބެމުންދަނީ ފިނި ތަރުހީބެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން