ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމާއި ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުންތައް ބަލަމުންދާކަމަށް އީޕީއޭއިން ބުނެފިއެވެ.

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވާކަން ވިލިމާލޭ ފުލުހަށް ފާހަގަވެގެން، އެކަން ބަލަން ފަށާފައިވަނީ އިއްޔެ މެންދުރު ފަހު 14:25 ހާއިރުއެވެ. މި ހާދިސާގައި 3 މީހަކަށް ވަނީ އަނިޔާވެފައެވެ.



ބްރިޖް މަސައްކަތްތައް ބަލަހައްޓާ އޮފީހުގެ އޮފީޝަލަކު ވިދާޅުވީ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ އެންކަރިންގެ ތެރޭގައިކަމަށެވެ. އަދި ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން އޭގެ ބައިތައް ނެގުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި އަދި އެތަނުގެ ސަލާމާތީކަންކަން ހަރުދަނާކުރުމަށްވެސް މަސައްކަތްކުރަމުން އަންނަކަމަށެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނީ އެ ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން އެ ސަރަޙައްދުގެ ފަރަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން އަންނަކަމަށެވެ. އަދި އެސަރަޙައްދުގައި މަސައްކަތް ކުރާއިރު ތިމާވެއްޓަށް ގެއްލުން ނުލިބޭނެހެން މަސައްކަތްކުރުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބްރިޖުގެ ޢަމަލީ މަސައްކަތުގެ ތެރެއިން މާލޭގެ އިތުރުން ވިލިމާލެ ފުށްޓަރު ފަރާތުގައިވެސް ޕްލެޓްފޯމެއް ވަނީ އަޅާފައެވެ. ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ ވިލިމާލޭގެ ކަނޑުގެ ސަރަހައްދުގައި އަޅާފައިވާ ޕްލެޓްފޯމް، ވިލިމާލެ ފުއްޓަރުފަރާތު ފަރަށް އަރާފައިވާ މަންޒަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން