ރާއްޖެއިން އިންޑިއާއަށް އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ އެގައުމުން ކަނޑާލައިފިއެވެ.

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުން އިންޑިއާއިން ނަގާ ޑިއުޓީ ކަނޑާލާފައިވަނީ ދިވެހި ސަރުކާރާއި، ސައުތް އޭޝިއަން ފްރީ ޓްރޭޑް އޭރިއާ (ސަފްޓާ) އާއެކު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މަޝްވަރާތަކެކެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ނަގަމުން އައި ޑިއުޓީ ސަފްޓާގެ އެހީގައި ކަނޑާއެލުވުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މަހުގެ އުފެއްދުންތައް އިންޑިއާގައި މާކެޓްކޮށް ރަނގަޅު އާމްދަނީއެއް ހޯދުމަށް ފުރުޞަތު ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިއޮއްހާދުވަހު ސަފްޓާގެ އެ ފުރުޞަތު އަޅުގަނޑުމެންނަށް އޮތީ ބޭނުން ނުކުރެވި. އެހެންކަމުން މި ދަތުރުފުޅުގެ ތެރެއިން ފޯމިއުލައިޒް ވެގެން އެ ދިޔައީ. ދެން އޮތީ އިންޑިއާއިން މާކެޓް ހޯދުން. އެގޮތުން މިފްކޯއާއި ޕްރައިވެޓް ކުންފުނިތަކަށް ވިޔަފާރީގެ ރަނގަޅު ދޮރެއް މި ހުޅުވުނީ." އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

ސަފްޓާ އަކީ، ދެކުނު އޭޝިއާ ސަަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެކެވެ. އެއީ ސާކުގެ ހުރިހާ ގައުމެއް ބައިވެރިވާ، ސަރަހައްދީ އެެއްބަސްވުމެކެވެ.

ރާއްޖެއިން އުފައްދާ މަހުގެ ބާވަތްތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމުގައި ނަގާ ޑިއުޓީ ކަނޑާލާ، މަހުގެ އުފެއްދުންތަކަށް ހަމަ އަގުތަކެއް ހޯދައި ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް އައު މާކެޓްތައް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން