ރާއްޖެއިން ބޭރުން ޑިގްރީ ފެންވަރަށް ކިޔެވުމަށް އޮނަރަރީ ކޮންސުލް ސްކޮލަރޝިޕްގެ ދަށުން 30 ފުރުޞަތު ހުޅުވާލައިފިއެވެ.

ކިޔެވުމުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭ މި ސްކޮލަރޝިޕްގެ ދަށުން ހުޅުވާލި 30 ފުރުޞަތުގެ ތެރޭގައި ހިމެނެނީ ވިޔަފާރިއާ ގުޅުންހުރި އެކި ދާއިރާތަކުގެ ކޯސްތަކެވެ.

މި ސްކޮލަޝިޕްގެ ފުރުޞަތުގެ ދަށުން ހުޅުވާލާފައިވާ ކޯސްތަކަކީ، ބެޗެލަރސް ޑިގްރީ އިން ބައޯޓެކްނޮލޮޖީ، ބެޗެލަރސް ޑިގްރީ އިން ކޮމްޕިއުޓަރ އެޕްލިކޭޝަންސް، ބެޗެލަރސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލަރސް ޑިގްރީ އިން ޓުއަރިޒަމް، ބެޗެލަރސް ޑިގްރީ އިން އިންގްލިޝް އަދި ބެޗެލަރސް ޑިގްރީ އިން ހޮޓެލް މެނޭޖްމަންޓްއެވެ.

މިިއިން ކޮންމެ ދާއިރާއަކުން 5 ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވާއިރު ކޯހުގެ ފުރުޞަތު ހުޅުވާލާފައިވަނީ އިންޑިއާގެ ބެންގަލޫރުގެ ގާޑެން ސިޓީ ޔުނިވަރސިޓީގައި ކިޔެވުމަށެވެ.

ކޯހަށް ކުރިމަތިލުމުގައި ޖީ.ސީ.އީ އޯލެވެލް، އައި.ޖީ.ސީ.އެސް.ސީ އަދި އެސް.ސީ.ސީ އިމްތިހާނުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފާސް އޮންނަން ވާނެއެވެ. ކޯހުގެ ޝަރުތުތަކުގެ ތަފްސީލް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވަނީ ގެޒެޓްކޮށްފައެވެ. މިފުރުޞަތުގައި ސްކޮލަރޝިޕް ލިބޭނީ ކޯސް ފީއަށެވެ. ކޯހަށް ހޮވޭ ކެންޑިޑޭޓުންގެ ދެކޮޅު ޓިކެޓް، ބުކް އެލަވަންސް، ޔުނިވަރސިޓީ ރެޖިސްޓްރޭޝަން ފީ، އިންޝުއަރެންސް، ވިސާ އަދި ކޯހާ ގުޅޭ އިތުރު ޚަރަދުތައް ބަލަހައްޓަންޖެހޭނީ އެ ދަރިވަރަކު އަމިއްލައަށެވެ.

ފޯމު ހުށައެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 25ވަނަ ދުވަހުގެ 12:30ގެ ނިޔަލަށެވެ. ކޮންމެ މީހަކަށްވެސް ފޯމް ހުށައެޅޭނީ އެއް ކޯހަށެވެ. ޝަރުތުތަކާއި، ފޯމާއި އެކު ހުށައަޅަންޖެހޭ ލިޔެކިޔުމުގެ ތަފްސީލްތައް ގެޒެޓްގައި ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން