ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު ދެމެހެއްޓޭނީ ރިޔާސީ ނިޒާމަކުން ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެެވެ.

ގާސިމް މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގަރާރެއް ހުށައަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވީ ‏ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެން ކަމަށެވެ. ރިޔާސީ ނިޒާމްގައި ރައީސާއި، މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަޤާމުތަކެއް ކަމަށް އެމަނިކުފާނު، ވިދާޅުވިއެވެ.





"ބަރުލަމާނީގައި ޤައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބު ކުރާ ފަރާތެއް ނޫނެވެ." ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމްގެ ތަފާތު ހާމަކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރަށްވާފައިވާ ގާސިމް ވިދާޅުވިއެވެ.

އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްް މުހައްމަދު ސޯލިހް ވަނީ އެ ގަރާރު އަނބުރާ ގެންދެވުމަށް ރައީސް ނަޝީދުގެ އަރިހުން މިއަދު އެދިވަޑައިގެންފަ އެވެ. ރާއްޖެ ޓީވީއަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ރައީސް ސާލިހު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ފާސްވާނެކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށެވެ. އަދި މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށާއި ރާއްޖެ އޮތީ މާ ޅަފަތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ވެރިއަކު އެކުލަވައިލެވޭ ސަރުކާރެއް އޮތުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އެމްޑީޕީގެ ރަައީސް މުހައްމަދު ނަޝީދު ކުރަށްވާ މަސައްކަތްޕުޅާ ރާއްޖޭގެ ހުރިހާ ޕާޓީތަކެއްގެ ލީޑަރުން ވަނީ ދެކޮޅު ހަައްދަވާފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން