ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ދެވަނަ ދައުރެއް ދިނުމަކީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި ސިޔާސީ ހަމަޖެހުމާއި އިޖްތިމާއީ ހަމަޖެހުމަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ސާލިޙަށް ދެވަނަ ދައުރެއް ދިނުން ކަމަށެވެ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރައީސް ސާލިޙު ވަރަށް ރަނގަޅަށް ގައުމުގެ ކަންކަން ހިންގަވާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ރައީސަކަށް ހުންނަވާ ބޭފުޅަކު މިހާ ރަނގަޅަށް މި ފަސް އަހަރުގެ ތެރޭގައި މަސަައްކަތް ކުރެއްވީމަ ދެވަނަ ދައުރެއް ދިނުމަކީ މިގައުމު ރަނގަޅު ކުރަން ހުރި ކަންތައްތައް ކުރުމަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއް، އެކަން ކުރެވޭނީ ދިވެހި ރައްޔިތުންނަށް. އެހެންވީމަ އެކަމުގައި އެ އެއްބާރުލުން ދެއްވުން އަޅުގަނޑުގެ އެދުމަކީ." އެމްޑީޕީގެ އަންހެނުން ރޫޙުގެ ރައީސްގެ މަގާމުގައި ހުންނެވި ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރަށްވާ މަސައްކަތަށް އިޝާރަތް ކުރަށްވަމުން ރޮޒައިނާ ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމް ކަމަށެވެ. އަދި އުއްމީދަކީ އެމްޑީޕީގެ ކޮންގްރެސްގައި ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ރިޔާސީ ނިޒާމާއި ދިމާލަށް ކޮންގްރެސްގެ ނިންމުންތައް ނިމިގެންދިޔުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކަމަށެެވެ. ރޮޒައިނާ ވިދާޅުވީ އެއީ ފުކެއް ބޮޑުވަރު ކަމަށާއި އެވަރަށް އަމިއްލަ އެދުން ބޮޑުވެގެންނުވާނެ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދުގެ އަމިއްލަ އެދުން ކުރިއަށް ނެރުމަކީ ގައުމާއި ޕާޓީއަށް ލިބޭ ގެއްލުމެއް ކަމަށެވެ. ރައީސް ނަޝީދު މިހާރު ކުރަށްވާ މަސައްކަތް ގިނަ ބަޔަކަށް ބަލައިނުގަނެވޭ ކަމަށާއި އެމަސައްކަތްތަކުގެ ސަބަބުން އެމަނިކުފާނުގެ ތާއިދު ދަށަށް ދާން ފަށައިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ރައީސް ނަޝީދަށް އެންމެ ރަނގަޅު ގޮތަކީ އަމިއްލަ އެދުން ދޫކޮށް ރައީސް ސާލިޙާ އެކުގައި މަސައްކަތް ކުރުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ނަޝީދު ގަބޫލުފުޅު ކުރަށްވާ ކަަމަށް ވައްޏާ އެމަގުން އެބަ ވަޑައިގަންނަވަން ޖެހޭ، އެހެންނޫނީ އަމިއްލަ އަށް އުފެއްދެވި ޕާޓީވެސް ގަންބާލުމުގެ ވިސްނުމުގައި މަސައްކަތް ކުރެއްވުން އެއީ އަޅުގަނޑަށް ހީވަނީ ވެއްްޓޭނެ އެންމެ ދަށައް ހެން އޭރުން އެ ވެއްޓެނީ." ރޮޒައިނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު