ރާއްޖެއަށް އަގުހެޔޮޮކޮށް ލޯނު ލިބޭކަމަށާއި، ލޯނުތައް ދައްކާކަށް އެއްވެސް ދައްޗެއް ނެތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ފެސިލިޓީއަށް 100 މިލިއަން ޑޮލަރު އިތުރުކޮށްދިނުމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ނަގާ ލޯންތަކަކީ ވަރަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ނަގާ ދަރަނިކަމަށާއި އެ ދަރަނިތަކަކީ 1.75 އިންސައްތަ އިންޓްރެސްޓެއްގައި ލިބޭ ދަރަނިކަމަށެވެ. އަދި އެ ލޯނުތައް ދައްކަން ފަށަނީ، 5 އަހަރުގެ ގްރޭސް ޕީރިއަޑެއްގެ ފަހުންކަަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިއީ އަގުހެޔޮކޮށް ލިބެން ހުންނަ ފައިސާ ހޯދައިގެން އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތް ކުރަންޖެހޭ ވަގުތުކަމަށެވެ. އަދި ލޯނު ނަގައިގެން ސަރުކާރުން ކުރަނީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ކޮންމެހެންވެސް މުހިއްމު މަސައްކަތްތަކެއްކަމަށް އަމީރު ވިދާޅުވިއެވެ.

"އެންމެ ބޮޑަށް މިކުރަނީ ބްރިޖު ކަނެކްޓިވިޓީއާއި މާލެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުން. ކޮންމެގޮތެއްވިޔަސް މާލެ ޕޯޓަކަށް ކޭޓާއެއް ނުކުރެވޭނެ އިޤްތިޞާދު ފުޅާވެގެން އަންނައިރު. އެހެންވީމަ ޕޯޓް އިތުރަށް ފުޅާނުކޮށް ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ހަނިވާނެ." ލޯނު ނަގައިގެން ކުރާ މަސައްކަތްތަކާއި ބެހޭގޮތުން އަމީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ ތެރެއިން އިންޑިއާއިން ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދީފައެވެ. އަދި މިމަހު ރައީސް ސާލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ލައިން އޮފް ކްރެޑިޓް ފެސިލިޓީއަށް އިތުރު 100 މިލިއަން ޑޮލަރު އިތުރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު