ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަކީ އެކަށީގެންވާ ގޮތެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު މިރޭ ވިދާޅުވީ، އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ވެރިކަން ހިންގަން އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށެވެ. ސަބަބަކީ ރިޔާސީ ނިޒާމަކީ ހުރިހާ ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ލިބޭ ނިޒާމެއް ކަމަށްވުން ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. ފައްޔާޒު ވަނީ އޭނާ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮތުމަށް ކަމަށް ވިދާޅުވެފައެވެ.

ބަރުލަމާނީ ނިޒާމު ގެންނަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކާއި އަދި އެމްޑީޕީގެ ކޮންގްރެސްއަށް އެމަނިކުފާނު ހުށަހަޅުއްވާ ބަރުލަމާނީ ގަރާރާއި ގުޅޭގޮތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެންނަން އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ހުރިހާ ފަރާތްތަކެއްގެ ތާއީދު ބޭނުންވާކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ތެރޭގައި ހުރި ގޯސްތަކުން ނިޒާމު އިސްލާހުކޮށް، ބަރުލަމާނީއަށް ހިންގުން ބަދަލުކުރަން އެންމެންވެސް އެ މަނިކުފާނާއެކު މަސައްކަތް ކުރައްވަން އެދިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެންނަން ކުރާ މަސައްކަތުގައި ފައްޔާޒުގެ ތާއީދު ލިބުމަކީ ވަރަށް ބޭނުންފުޅުވާ ކަމެއްކަމަށެވެ.

"ފައްޔާޒު އަޅުގަނޑުމެންނަށް ތާއީދުކުރުމަކީ ވަރަށް ވަރަށް ބޮޑަށް އެދޭ ކަމެކޭ." ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ގެނައުމަށް ފައްޔާޒުގެ ތާއީދަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިނަމަވެސް ފައްޔާޒުގެ ވިސްނުން އެކަމުގައި ތަފާތުކަން މިއަދު ހާމަ ކުރައްވާފައިވާއިރު، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވާދަކުރެވޭނެ ގޮތް މަގުފަހިކުރުމަކީ ޗެއަރޕާސަން ކަމުގައި އެންމެ އިސްކަމެއް ދެއްވާނެ އެއް ކަންތައްކަމަށް މީގެ ކުރިން ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ މިނިސްޓަރަކީ ފައްޔާޒު ކަމަށާ، ފައްޔާޒަކީ ކޮރަޕްޝަން ހިންގަވާ ބޭފުޅެއްކަމަށް ވިދާޅުވެ ރައީސް ނަޝީދު މީގެ ކުރިންވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ނަމަވެސް، ކުއްލިއަކަށް އެމަނިކުފާނުގެ ރާގު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުން ވަނީ އެނގިގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު