ގައުމު ހިންގުމުގެ ހުރިހާ ބާރެއް އެއް އިދާރާއަކަށް ލިބިގެން ދިޔުމަކީ މި ގައުމަށާއި ރައްޔިތުންނަށް ވެސް އެންމެ ފައިދާހުރި ގޮތަކަށް ނުވާނެކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައަމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅަށް އަމާޒުކުރަށްވައި ސަމީރު މިއަދު ވިދާޅުވީ، ތިންބާރު ވަކިވެފައިވާ ނިޒާމަކުން ހުރިހާ ބާރެއް މަޖިލީހަށް ޖަމާކޮށް ރައްޔިތަކަށް ހިލަމެއް ވެސް ނުވެ އިރުއިރުކޮޅާ ބޮޑުވަޒީރު ބަދަލުކޮށް ސަކަރާތް ޖަހަން ފުރުސަތު ދިނުމަކީ ގައުމަށް ވެސް އަދި ރައްޔިތުންނަށް ވެސް އެންމެ ފައިދާހުރި ގޮތް ނޫންކަމަށެވެ.

ސަމީރު މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެމަނިކުފާނު ގާނޫނުއަސާސީއަށް ހުށަހަޅުއްވަން ބޭނުންވާ އިސްލާހުތައް އެމްޑީޕީގެ ކޮންގްރެސްގައި ފާސްވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބަރުލަމާނީ ގަރާރު އެމްޑީޕީގެ ކޮންގްރެސްގައި ފާސްވުމާއެކު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް މިއަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަރުލަމާނީ ނިޒާމުގެ އިންތިގާލީ މަރުހަލާ ފެށިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު