ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން ކުރާ މަސައްކަތްޕުޅަށް އިކޮނޮމިކް މިނިސްްޓަރ އަަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްގެ ތާއީދު ވަރަށް ބޮޑަށް ބޭނުންފުޅުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެންނަން އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކާއި އަދި އެމްޑީޕީގެ ކޮންގްރެސްއަށް އެމަނިކުފާނު ހުށަހަޅުއްވާ ބަރުލަމާނީ ގަރާރާއި ގުޅޭގޮތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުންނެވެ.

ރައިސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެންނަން އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ހުރިހާ ފަރާތްތަކެއްގެ ތާއީދު ބޭނުންވާކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ތެރޭގައި ހުރި ގޯސްތަކުން ނިޒާމު އިސްލާހުކޮށް، ބަރުލަމާނީ އަށް ހިންގުން ބަދަލުކުރަން އެންމެންވެސް އެ މަނިކުފާނާއެކު މަސައްކަތް ކުރައްވަން އެދިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެންނަން ކުރާ މަސައްކަތުގައި ފައްޔާޒުގެ ތާއީދު ލިބުމަކީ ވަރަށް ބޭނުންފުޅުވާކަމެއްކަމަށެވެ.

"ފައްޔާޒު އަޅުގަނޑުމެންނަށް ތާއީދުކުރުމަކީ ވަރަށް ވަރަށް ބޮޑަށް އެދޭ ކަމެކޭ." ނަޝީދު ވިދާޅުވިއެވެ.

ފައްޔާޒުގެ ތާއީދު ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ރައީސް ސާލިހުގެ ވެރިކަމުގެ ފުރަތަމަ 3 އަހަރު ރައީސް ނަޝީދު ގެންދެވީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ފައްޔާޒު މަގާމުން ވަކިކުރުމުގެ މަސައްކަތްވެސް ރައީސް ނަޝީދު ކުރެއްވިއެވެ. އަދި ފައްޔާޒަކީ ކޮރަޕްޓް ބޭފުޅެއްގެ ގޮތުގައި ދެއްކުމަށް ރައީސް ނަޝީދު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވިއެވެ.

ފައްޔާޒަށް މީގެކުރިން ފާޑު ވިދާޅުވިނަމަވެސް ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ލިވާތުގެ ތުހުމަތުގައި ހައްޔަރުކުރި ފަހުން ރައީސް ނަޝީދު ފައްޔާޒުއާ ގުޅުވައިގެން ދައްކަވާ ވާހަކަފުޅުތައް ވަނީ ބަދަލުވެފައެވެ. އެގޮތުން ފައްޔާޒުއާ ދެކޮޅަށް މަސައްކަތް ކުރެއްވުމަކީ ހެއްދެވުނު ގޯހެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު