އަހުމަދު މަސްނޫމް   15 އޯގަސްޓު 2022 - 13:22
ބަރުލަމާނީ ނިޒާމަކަށް ރާއްޖެގެ ވެރިކަން ބަދަލުކުރަން ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، މުހައްމަދު ނަޝީދު ހުށަހަޅުއްވާ ހުށެހެޅުން އޮތީ ރާއްޖޭގައި 2 ސަރުކާރު އުފެދޭގޮތަށްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިމަހު އޮންނަ އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ހުށަހަޅުއްވާފައެވެ. އަދި އެ ހުށަހެޅުއްވުމުގައި ބަރުލަމާނީ ނިޒާމަކަށް ހިނގުމަށް ހުށަހަޅާ ތަފްސީލްތައްވެސް ހިމަނުއްވާފައިވެއެވެ.

ނަޝީދުގެ ހުށަހެޅުމާއި ގުޅިގެން އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ‏ނަޝީދުގެ ހުށަހެޅުމުން ދެ ސަރުކަރު އުފެދޭނެކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރާއި ބޮޑުވަޒީރުގެ ސަރުކާރުކަމަށެވެ.

ޝަރީފް ވިދާޅުވީ ރާއްޖެއަކީ މުދަލާ ހިދުމަތަށް ބަރޯސާވާ ގައުމެއްކަމަށާއި، މި ގައުމުގެ ސިޔާސީ ހަމަޖެހުން ގުޅިފައި އޮންނާނީ އިގްތިސާދާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްވަރަކީ ރާއްޖެ ޑިފޯލްޓްވުމާއި ގާތް ދުވަސްވަރެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ‏އާ ގާނޫނު އަސާސީ އުފެދި އޭގެ ދަށުން އެއްވެސް ކޮންޓްރޯލެއްނެތި 5 ލައްކަ އާބާދީއެއް ބަލަހައްޓަން އެތަކެއް ބޯޑުތަކާއި، އެޖެންސީތަކާއި އިންސްޓިޓިއުޓު އުފައްދައި އެތަންތަނުގެ ހަރަދު ބޮޑުވިއިރު ނަތީޖާ ނުނެރެވުނުކަމަށެވެ. އަދި އެތަންތަން ހިންގުމަށް ލޯނު ނަގަމުންގޮސް އެންމެ ފަހުން ލޯނުން ލޯނު ދައްކަން ޖެހިފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ‏ކޮންމެ ނިޒާމަކާވެސް ގުޅިފައިވަނީ ފައިސާކަމަށެވެ. އަދި ނިޒާމު ހިންގަން ފައިސާ ހޯދަން ނޭނގޭ ބަޔަކު އެމީހުންގެ މަގާމު ކަށަވަރު ކުރުމަށް ހެދިފައިވާ ގޯސްތައް ރަނގަޅުނުކޮށް ކުޅޭ ޑްރާމާތަކަށް ދިވެހިން މިފަހަރު ހެއްލިގެން ނުވާނެކަމަށެވެ. އަދި މިއީ ދަރަނި ދެއްކޭނެ ގޮތަކާމެދު އަދި އާމްދަނީ ހޯދުމަށް ވިސްނަންވީ ވަގުތުކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު