ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ބަރަހާނާ ފޮޓޯ ހުރި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަަކަ އެމަނިކުފާނު މިއަދު ތަރުޖަމާކޮށްދެއްވައިފިއެެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެވާހަަކަ ދެއްކެވީ އެޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސް އަޕް ގުރޫޕެއްގައި ކަމަށެވެ. އަދި އެ ގުރޫޕްގައި އެމަނިކުފާނުގެ ދެއްކެވި ވާހަކަފުޅުގެ ބަސްތަައް ގުޅިފައިވަނީ އެވަގުތު ހިނގަމުންދިޔަ ވަރަށް ޚައްސާސް (އެކިމީހުންގެ ބަރަހާނާ ފޮޓޯ އާންމުކުރަމުންދިޔަ ވަގުތެއްގައި) ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޔަކު މީހުން ދިޔައީ އިންތިޒާމްވެގެން ރޭވިގެން އޮރިޔާން ފޮޓޯތައް އުފައްދައި އެތަކެތި ބޭނުންކޮށް ބްލެކްމެއިލްކޮށް ފައިސާ ނަގަމުން ކަަމަށެވެ.

"އަޅުގަނޑުގެ ނުކުތާ އަކީ ލޮލަށް ފެންނަ ކޮންމެ ފޮޓޯއަކާއި ވެސް އެބާވަތުގެ ކަންކަމުގައި ގާނޫނުގައި ބަޔާންކުރާގޮތަށް އެއާ މެދު އަމަލު ކުރަންޖެހޭނެ ކަމަށް. އަދި އެއީ ރައީސްގެ ފޮޓޯފުޅެއް ކަމަށް ވިދާޅުވެ ބަޔަކު މީހުން ދައުރު ކުރަމުންދިޔަ އެއްޗެއް ކަމަށް ވިޔަސް އަޅުގަނޑާ މެދު ބަޔަކު މީހުން ދައުރު ކުރި އެއްޗެއް ކަމަށް ވިޔަސް އެހުރިހާ ކަމެއް ހިނގަމުންދާންޖެހޭނީ ގާނޫނީ ތަރަހައިގެ ތެރޭގައި. ހެއްކަކީ ކޮބައިތޯ؟ ފޮޓޯ އަކީ ކޮބައިތޯ؟ ގާނޫނު ވަރަށް ބޮޑަށް ސާފުކޮށްދޭ،" ރައީސް ސާލިޙުގެ ބަރަހާނާ ފޮޓޯ ހުރި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު ތަރުޖަމާކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައިވާ މައްސަލަ އާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން އެއީ މައުޟޫއާ ނުގުޅޭ ސުވާލެއް ކަަމަށް ވިދާޅުވެ އެ ސުވާލަށް އެމަނިކުފާނު ޖަވާބުދެއްވާފައެއް ނުވެއެވެ.

ރައީސްގެ ބަރަހާނާ ފޮޓޯ ހުރި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަ ރައީސް ސާލިޙުގެ ފަރާތްޕުޅުން ވަނީ ދޮގުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު