އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ކޮންގްރެސްއަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އަދި ކޮންގްރެސް ހިންގާ ކޮމެޓީގެ މުގައްރިރު އިބްރާހީމް ވަޙީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

ކޮންގްރެސްއާއި ގުޅޭގޮތުން ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އިބުރޭ މިރޭ ވިދާޅުވީ، މިހާރު ވެސް ފެންނަ އަދަދުތަކަށް ބަލާއިރު އުންމީދު ކުރަނީ، މި ކޮންގްރެސް ވާނީ ރާއްޖޭގައި މިގޮތަށް ބާއްވާ، ޕާޓީގެ އެންމެ ބޮޑު ކޮންގްރެސްއަށް ކަމަށެވެ.

އޭނާ ވަނީ މި ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކޮންމެ ބޭފުޅަކުވެސް މި ކޮންގްރެސްގައި ބައިވެރިވެ ކޮންގްރެސްގައި އެ ބޭފުޅުންނަށް ލިބިފައިވާ ހައްގު އަދާ ކުރުމަށް އެދިވަޑައިގެންފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ކޮންގްރެސް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. މި ކޮންގްރެސް މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެކަމަށް އެމްޑީޕީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު