ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ވޯޓެއް ލީ ނަމަވެސް، އެވޯޓެއް ﷲގެ އިރާދަފުޅާއި އެކީ ކާމިޔާބު ކުރާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މ.ދިއްގަރާއި، ތ.ގާދިއްފުށީ ކައުންސިލަށް މެންބަރަކު އިންތިހާބުކުރުމުގެ އިއްޔެ ބޭއްވި ބައި އިލެކްޝަން ވެރިކަން ކުރާ އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިރޭ ވިދާޅުވީ، އިންތިހާބުތަކުން ބަލިވީމަ "ހަޖަމް" ކުރަން ދަސްކުރަން ޖެހޭ ކަމަށެވެ. އަދި އިންތިހާބަކުން ތިމާ ތާއިދު ކުރާ ޕާޓީއެއް ބަލިވުމުން އެކަމާއި ރުޅި އައިސް ހިތްހަމަ ނުޖެހިގެން ވޯޓު ދިން ރައްޔިތުންނަށް ވަގަށް، ލާދީނީއަށް ގޮވުމަކީ ދެރަކަމެއް ކަމަށް މަހުލޫފު ވިދާޅުވިއެވެ.



"ދެން ވޯޓެއް ލިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބުކުރާނަން، ރައީސް ސޯލިހްގެ އިންގިލާބީ ތަރައްގީ ރައްޔިތުން ބަަލައިގެންފި،" މަހުލޫފް ވިދާޅުވިއެވެ.

އެމްޑީޕީން މ.ދިއްގަރާއި، ތ.ގާދިއްފުށީ ބައި އިލެކްޝަން ކާމިޔާބުކުރުމާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އެމްޑީޕީއަކީ ލާދީނީ ކަންކަމަށް ހިތްވަރުދޭ ޕާޓީއެއްކަން ރައްޔިތުންގެ ކުރިމަތީ ފެންނަމުންދާ ކަމަށެވެ. އަދި "ލަދެއް ހަޔާތެއް" ނެތް ބައެއްގެ ކުރިމަތީ ކިތަންމެ ބޮޑު ފާހިޝް އަމަލެއްވެސް މާ ބޮޑު ކަމަކަށް ނުވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވައިގެން ނަތީޖާއީން ވެރިކަން ލިބުނު ނަމަވެސް މާޒީގެ ތަފާސް ހިސާބަށް ބަލާއިރު ލާދީނީ ކަމާއި، ފާހިޝް އަމަލުތަކަށް އެމްޑީޕީން ދިން ތަރުހީބުން ރައްޔިތުންގެ ތާއީދު ދަށްވެފައި ކަމަށެވެ.

"އިންތިހާބަށް ދެ ދުވަސްތެރޭ 15 ސިޔާސީ ވަޒީފާ އުފައްދައި، އިންތިހާބަށް ނުފޫޒު ފޯރުވައިގެންވެސް ދިއްގަރުން ފަރަގު ކުރަން ބޭނުންވި 150 ވޯޓް ފަރަގު ކުރެވުނުބާ؟ ގާދިއްފުށި ލިބުނީ ހަމަ ކިރިޔާ،" ޝުޖާއު ވިދާޅުވި އެވެ.

ދިއްގަރު ކައުންސިލާއި ގާދިއްފުށީ ކައުންސިލަށް މެމްބަރަކު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓުން ވެސް ވަނީ ވާދަކޮށްފައެވެ. ވާދަވެރިކޮށް ދިޔަ މި އިންތިޚާބު އެމްޑީޕީން ކާމިޔާބުކޮށްފަައިވަނީ ކުޑަ ތަފާތަކުންނެެވެ.

އެގޮތުން ގާދިއްފުށީ ކައުންސިލަށް މެމްބަރަކު ހޮވުމަށް ނެގުނު ވޯޓުގައި ޕީޕީއެމް ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއަށް ލިބިފައިވަނީ 201 ވޯޓެވެ. އެގޮނޑި ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިޚާ އަށްލިބިފައިވަނީ 210 ވޯޓެވެެ.

މ. ދިއްގަރު ކައުންސިލަށް މެމްބަރަކު ހޮވުމަށް ނެގުނު ވޯޓުގައި އެމްޑީޕީ ކެންޑިޑޭޓް އަބްދުﷲ އާރިފް 375 ވޯޓް ހޯއްދަަވައިގެން އިންތިޚާބު ކާމިޔާބު ކުރިއިރު ޕީޕީއެމް ކެންޑިޑޭޓް އަބްދުލްހަންނާން އަހުމަދަށް ލިބިފައިވަނީ 320 ވޯޓެވެ. މި ދެ ރަށުގެ ބައި އިލެކްޝަން ކާމިޔާބު ކުރުމަށް އެމްޑީޕީ އާއި ޕީޕިއެމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށް ފޯރިގަދަ ކެމްޕޭނެއްކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު