އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝަކޫރާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިންގ، އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފުވިކަމުގެ ކުށުގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިއްމައިފިއެވެެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

މި މައްސަލައިގެ އެންމެ ފަހުން، މިދިޔަ ފެބުރުއަރީ 14 ވަަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ، މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި ހެތްކާގުޅޭގޮތުން ވާހަކަ ދެއްކުމާއި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވާނެ ކަން އިއުލާން ކުރަށްވާފައެވެ. އެމައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވި މި އަޑުއެހުމުގައި އިސްގާޒީ ޝަކީލު ވަނީ، އާތިފްގެ މައްޗަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވާފައެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ދައުލަތާއި ދައުވާ ލިބޭ ފަރާތަށް ވެސް ޖަވާބުދާރީވާން 10 ދުވަހުގެ ފުރުސަތެއް ގާޒީ ވަނީ ދެއްވާފައެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އޯގަސްޓު މަހުގެ 28 ވަނަ ދުވަހުކަން އިއުލާން ކުރަށްވައި ގާޒީ މިއަޑުއެހުން ވަނީ ނިންމާލާފައެވެ.

މިމައްސަލައިގައި އޭސީސީން ނެރުނު ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަންޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާއިން ލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މުއާމަލާތްތައް ހިންގިއިރު އެކަން ފުލުހުންނަށް ނުފޮނުވަން ނިންމެވީ އާތިފް ޝަކޫރު ކަމަށެވެ.

އެގޮތުން އެފްއައިޔޫއަށް ލިބިފައިވާ އެސްޓީއާރްގައި، ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހިމެނިފައި ވީނަމަވެސް، އެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ނުފޮނުވަން ނިންމާފައިވަނީ އާތިފް ޝަކޫރުކަން އޭނާގެ އިއުތިރާފުންނާއި ތަހުގީގުން ހާމަވާކަމަށް އޭސީސީގެ ރިޕޯޓްގައި ވަނީ ފާހަަގަކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު