މި އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ އޮކްޓޫބަރު 3 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާފައިވާކަމަށެވެ.

އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖެއްސެވީ އެ ދުވަހަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއާއި، މި އަހަރަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމާއެކު، މި އަހަރު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ ގޮތުންނެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރު ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރައްވާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަން ފެށުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގައި ހުުޅުވުނު ފުރަތަމަ ރިސޯޓަކީ މާލެއަތޮޅު ވިހަމަނާފުށީގައި، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު، ހުޅުވި ކުރުނބާ ވިލެޖް ނުވަތަ މިހާރުގެ ކުރުނބާ މޯލްޑިވްސްއެވެ.



ކިޔުންތެރިންގެ ހިޔާލު