ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު ނިންމުންތައް ނިންމުމުގައި ބޭނުންކުރާނެ މަޢުލޫމާތުތަކެއްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ބޯހިމެނުމާއި ގުޅޭގޮތުންނާއި އެކަމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ކޮންމެ 10 އަހަރަކު އެއްފަހަރު ރާއްޖޭގެ ދިރިއުޅުމުގެ ޙާލަތާއި މުޖުތަމަޢުގެ ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ ބޯހިމެނުން މިއަހަރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 17 އިން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ރާއްޖޭގެ އާބާދީއާއި ތަރައްޤީއާއި ގުޅޭ އަސާސީ މަޢުލޫމާތު ހޯދުމަށް ހިންގާ އެންމެ ބޮޑު ސަރވޭއެވެ.

ބޯހިމެނުމާއި ގުޅޭގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ބޯހިމެނުމުގައި ހުރިހާ ރައްޔިތުންގެ ޝާމިލުވުން ވަރަށް މުހިއްމުކަމަށެވެ. އަދި ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު ނިންމުންތައް ނިންމުމުގައި ބޭނުންކުރާނެ މަޢުލޫމާތުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރަށްރަށާއި އަތޮޅުތަކާއި ރާއްޖޭގެ މާޙައުލާއި ގުޅޭގޮތުން ހެދޭ ޕްލޭންތައް ހެދުމުގައި ބަރޯސާ ވަނީ ބޯހިމަނާއިރު އެއްކުރެވޭ މަޢުލޫމާތުގެ މައްޗަށްކަމަށެވެ. އެހެންކަމުން މިއަހަރު ކުރިއަށްގެންދާ ބޯހިމެނުމުގެ ޙަރަކާތަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އަސްލަމް އެދިވަޑައިގެންނެވިއެވެ.



ބޯހިމެނުމުގެ ރަސްމީ ސަރވޭ ސެޕްޓެމްބަރުމަހުގެ 17ގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންއަންނައިރު، މިހާރު ކުރިއަށްދަނީ ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިންގާ ތަމްރީންތަކުގެ މަސައްކަތެވެ.

ބޯހިމެނުމުގެ މި އަހަރުގެ ޝިއާރަކީ "8 ބިލިއަން މީހުންގެ ދުނިޔެއެއް: ކެތްތެރި މުސްތަގުބަލަކާ ދިމާއަށް، ފުރުސަތުތައް ބޭނުންކޮށް އެންމެންނަށް ހައްގުތަކާއި އިހްތިޔާރުތައް ކަށަވަރުކުރުން" މިއެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ މިއަހަރުގެ އޮކްޓޫބަރު ހަވަނަ ދުވަހު އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެއެވެ.

ރާއްޖޭގައި އެންމެފަހުން ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުގައެވެ.

މިއަހަރުގެ ބޯހިމެނުމުގައި ޢާއްމު ފަރުދުންގެ ދިރިއުޅޭ ތަނާއި ބެހޭ މައުލޫމާތުތަކާއި، ދިރިއުޅޭ ތަނުގެ ބޮޑުމިނާއި، މީހުންގެ އުފަން ތާރީޚާއި އުމުރާއި ޖިންސު ފަދަ މަޢޫލޫމާތުތައް އެއްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ތަޢުލީމީ ފެންވަރާއި، އަދާކުރާ ވަޒީފާއާއި، ލިބޭ އާމްދަނީއާއި ޚަރަދުތަކުގެ ތަފްޞީލުގެ އިތުރުން ފުރަތަމަ ކައިވެނި ކުރި އުމުރާއި، ދަރިންގެ އަދަދާއި، ފުރަތަމަ ދަރިފުޅު ލިބުނު އުމުރު ފަދަ މަޢުލޫމާތުތައް އެއްކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު