ކުރީ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން ބައެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވި ކަމަށް ބުނެ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވާ ތުހުމަތަކީ ސިޔާސީ މަގުސަދެއްގައި އަޅުވާ ތުހުމަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރަކަށް ރައީސް ޞާލިޙް ހުންނެވިއިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ އެމަނިކުފާނު ނެންގެވި ކަމަށް މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އިނގިރޭސި ވިލާތުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަލީ ވަޙީދު ވިދާޅުވެފައިވަނީ ރައީސް ޞާލިޙް އެ ފައިސާއާއި ހަވާލުވެވަޑައިގެންނެވީ ރެހެންދި ފުލެޓުގައި ކަޅު ދަބަހެއްގައި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާއާއި ގުޅޭގޮތުން ރައީސް ޔާމީން ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ޢަލީ ވަޙީދުގެ ތުހުމަތަކަށް ރައްދު ދެއްވާ ރާއްޖެ ޓީވީގައި މިރޭ ޝަރީފް ވިދާޅުވީ، ރައީސް ޞާލިޙަކީ އަދީބު އަތުން ދެ މިލިއަން ނުވަތަ ތިން މިލިއަނެއްހާ ރުފިޔާ ހޯއްދަވާފަދަ ހާލަތެއްގަ ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ޞާލިޙަކީ ސިއްކަ އަޙްމަދު އިސްމާޢިލް މަނިކުގެ ދަނބިދަރި ކަމަށާއި ސިއްކަ ޢާއިލާއަކީ ދިވެހިރާއްޖޭގައި ތިބި މުއްސަނދިން ކަމަށާއި އެ އާއިލާއަކީ ތަނަވަސް، ފައިސާހުރި ޑޮލަރު ޖީބަށް ވަންނަ އާއިލާއެއް ކަމަށެވެ.

އެހެންކަމުން އަދީބު ދެއްވާ ދެތިން މިލިއަން ރުފިޔާއެއް ބައްލަވައި ކަޅު ދަބަހެއް ހިއްޕަވައިގެން ރައީސް ޞާލިޙް ވަޑައިގަންނަވަން ޖެހިވަޑައި ނުގަންނަވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު