ތ. ގާދިއްފުއްޓާއި މ. ދިއްގަރު ރަށު ކައުންސިލްގެ ބައި އިލެކްޝަން، ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ ގެ ކެންޑިޑޭޓުން ކާމިޔާބުކުރުމަކީ ޕާޓީއަށް ލިބުނު މުހިންމު ކާމިޔާބީއެއްކަމަށް އެޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

މ. ދިއްގަރު ކައުންސިލަށް މެމްބަރަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފު ވަނީ ކާމިޔާބުކޮށްފައެވެ. އޭނާ އިންތިޚާބު ކާމިޔާބުކުރީ 375 ވޯޓް ހޯއްދަވައިގެންނެެެވެ. ތ. ގާދިއްފުށި ކައުންސިލުގެ އަންހެނުންނަށް ޚާއްސަ ގޮނޑި 210 ވޯޓް ހޯއްދަވައިގެން ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިޚާ އެވެ.

އެ ދެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމާއެކު ރައީސް ޞާލިހު މިރޭ ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި ދެ ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އިންތިޚާބުގެ ކެމްޕެއިނަށް އެހީތެރިވި މެންބަރުންނަށާއި ކެމްޕޭން ޓީމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރަށްވާފައެެވެ.

ރައީސް ސާލިޙު ވިދާޅުވީ އެ ދެގޮނޑި އެމްޑީޕީން ކާމިޔާބުކުރުމަކީ އެޕާޓީއަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.



ދިއްގަރު ކައުންސިލާއި ގާދިއްފުށީ ކައުންސިލަށް މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. ވާދަވެރިކޮށް ދިޔަ މި އިންތިޚާބު އެމްޑީޕީން ކާމިޔާބުކޮށްފަައިވަނީ ކުޑަ ތަފާތަކުންނެެވެ.

އެގޮތުން ގާދިއްފުށީ ކައުންސިލަށް މެމްބަރަކު ހޮވުމަށް ނެގުނު ވޯޓުގައި ޕީޕީއެމް ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއަށް ލިބިފައިވަނީ 201 ވޯޓެވެ. އެގޮނޑި ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިޚާ އަށްލިބިފައިވަނީ 210 ވޯޓެވެެ.

މ. ދިއްގަރު ކައުންސިލަށް މެމްބަރަކު ހޮވުމަށް ނެގުނު ވޯޓުގައި އެމްޑީޕީ ކެންޑިޑޭޓް އަބްދުﷲ އާރިފް 375 ވޯޓް ހޯއްދަަވައިގެން އިންތިޚާބު ކާމިޔާބު ކުރިއިރު ޕީޕީއެމް ކެންޑިޑޭޓް އަބްދުލްހަންނާން އަހުމަދަށް ލިބިފައިވަނީ 320 ވޯޓެވެ. މި ދެ ރަށުގެ ބައި އިލެކްޝަން ކާމިޔާބު ކުރުމަށް އެމްޑީޕީ އާއި ޕީޕިއެމް އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށް ފޯރިގަދަ ކެމްޕޭނެއްކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު