ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފި ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ މިއަދު ބޭއްވި މ. ދިއްގަރާއި ތ. ގާދިއްފުށި ކައުންސިލްގެ ބައި އިލެކްޝަންގެ ދެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރުމާއި ގުޅިގެންނެެވެ. އެގޮތުން މ. ދިއްގަރު ކައުންސިލަށް މެމްބަރަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފު ވަނީ ކާމިޔާބުކޮށްފައެވެ. އޭނާ އިންތިޚާބު ކާމިޔާބުކުރީ 375 ވޯޓް ހޯއްދަވައިގެންނެެެވެ. ތ. ގާދިއްފުށި ކައުންސިލުގެ އަންހެނުންނަށް ޚާއްސަ ގޮނޑި 210 ވޯޓް ހޯއްދަވައިގެން ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިޚާ އެވެ.

އެމްޑީޕީއަށް ބައި-އިލެކްޝަންގެ ދެ ގޮނޑި ކާމިޔާބުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އިން އެނގިގެންދިޔައީ ރައީސް ސާލިޙުގެ އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފިކަން ކަމަށެވެ. އަދި ސަރުކާރަށް ލާދީނީއަށް ގޮވާ، ފާހިޝް ކަންކަން ފަތުރާ ބަޔަކަށްހަދާ އަދި ތަފާތު ގިނަ އިލްޒާމުތައް އެބައިމީހުން އަޅުވަމުން ގެންދާ ކަމަށް މަހުލޫފް ވިދާޅުވިއެެވެ.



"އެއީ ސިޔާސީ ބޭނުމުގައި ދައްކާ ވާހަކަކަން ރައްޔިތުންނަށް މިއަދު ސާފު، ރައީސް ސާލިޙުގެ އިންގިލާބީ ތަރައްޤީ ރައްޔިތުން ބަލައިގެންފި،!"މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

ބައި އިލެކްޝަނުގެ ކެމްޕޭނުގައި އެމްޑީޕީގެ ފަރާތުން މަހުލޫފް ވަނީ ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި މަހުލޫފް އިސްވެ ހުންނަވައި ވަނީ މި ދެ ރަށަށް ވަޑައިގެން ކެމްޕޭންގެ ހަރަކާތްތައް ވަަރަށް ފޯރިއާއެކު ކުރިއަށް ގެންގޮސްފައެވެ.

ފާއިތުވި ދެ ދުވަހު ޕީޕީއެމްގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވެސް މި ދެ އިންތިހާބުގައި ވާދަކުރާ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައެެވެ. އިދިކޮޅުގެ ޓީމުގައި އެންމެ އިސްކޮށް ހުންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޢިންތިޚާބުގެ ކުރިން ރައީސް ޔާމިން ވެސް ވަނީ ވީޑިއޯ މެސެޖެއް ދެއްވައި ޕީޕިއެމްގެ ކެންޑިޑޭޓުން އިންތިޚާބު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު