ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން ހުރަސް އަޅަމުންދާ ރަޝިޔާގެ ބިލިއަނަރުންގެ ޔޮޓުތައް ދިވެހިރާއްޖޭގެ ހިމާޔަތަށް އަންނަ މައްސަލައަށް ދުނިޔޭގެ ސަމާލުކަން ލިބެމުންދާކަން ހާމަވާ އެއް ހެއްކަކީ މިފަހަކަށް އައިސް ބޭރުގެ ގިނަ ނޫސްތަކުން އެވާހަކަތައް ރިޕޯޓުކުރުމެވެ.

އެންމެފަހުން މިމައްސަލަ ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ ޔޫރޮޕިއަން ޔޫނިއަންގެ ސެންކްޝަން ލިސްޓުގައި ހިމަނާފައިވާ ރަޝިޔާގެ ބިލިއަނަރ އެންޑްރީ މެލްނިޗެންކޯގެ ޔޮޓް ރާއްޖެއައިސް މާގިނަ ދުވަހެއް ނުވެ ލޮކޭޝަން ބްރޯޑްކާސްޓު ކުރުން ހުއްޓާލުމުންނެވެ. ލޮކޭޝަން ބްރޯޑްކާސްޓު ކުރުން ހުއްޓާލުމުން ކަމާބެހޭ އިދާރާތަކަށް، ސެންކްޝަން ލިސްޓުގައި ހިމަނާފައިވާ ޔޮޓުތަކުގެ ވާނުވާ ބެލޭނެގޮތެއް ނޯންނާނެއެވެ.

ހުޅަނގުގެ ގައުމުތަކުން ހުރަސް އަޅާ ރަޝިޔާގެ ބިލިއަނަރުންގެ ޔޮޓުތައް ދިވެހިރާއްޖޭގެ ކަނޑުތަކުން ހިމާޔަތް ހޯދާ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާއިރު، ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ސެންކްޝަން ކޮށްފައިވާ އުޅަނދު ތަކުގެ ލިސްޓުގައި ހިމަނާފައިވާ އުޅަނދުތަކަށް ހުރަސްއެޅޭނެ ގާނޫނެއް ގަވާއިދެއް ދިވެހިރާއްޖެއަކުނެތެވެ. މިއާއެކު ދިވެހިރާއްޖެ ވަނީ ރަޝިޔާގެ ބިލިއަނަރުންގެ މިފަދަ އުޅަނދުތަކަށް އޮތް މިނިވަން މަންޒިލަކަށް ވެފައެވެ.

އެގޮތުން ރަޝިޔާއިން ޔުކްރެއިނަށް ހަމަލާދޭން ފެށިފަހުން ބިލިއަނަރ އެންޑްރީ މެލްނިޗެންކޯގެ ޔޮޓުގެ އިތުރުން ފަސް ޔޮޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާކަމަށް މެރިޓައިމް ޑާޓާއިން ދައްކައެވެ. އަދި މީގެ ތެރެއިން ތިން އުޅަނދަކުން ލޮކޭޝަން ބްރޯޑްކާސްޓު ކުރުން ހުއްޓާލައިފައިވާކަމަަށް ބައިނަލްއަގުވާމީ މެރިން ޓްރެފިކުގެ ޑާޓާތަކުން ހާމަކޮށްފައިވެއެވެ.

މިކަމާ ބެހޭގޮތުން ބޭރުގެ ނޫހަކާ ވާހަކަ ދައްކަވަމުން ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ސެންކްޝަން ކޮށްފައިވާ އުޅަނދުތައް ހިފެހެއްޓުމުގެ ބާރުގަދަ ގާނޫނެއް އެކުލަވާލެވިފައެއްނެތްކަމަށެވެ. އަދި މިއިން އުޅަނދެއް ހިފެހެއްޓުމުގެ ބާރު ލިބޭނީ ދިވެހިރާއްޖޭގެ ގާނޫނާ ހިލާފުވެއްޖެނަމަ އެކަންޏެވެ.

ސެންކްޝަން ކޮށްފައިވާ އުޅަނދުތައް ރާއްޖެއިން ނުހިފެހެއްޓިނަމަވެސް ރަޝިޔާއާއި ދެކޮޅު ހުރިހާގައުމަކުންވެސް ދަނީ މިފަދަ އުޅަނދުތައް އެގައުމެއްގެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް އެއުޅަނދު އޮޕަރޭޓް ކުރުމަށް ހުރަސްއަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު