މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފްގެ މައްޗަށް އުފުލި ރިޝްވަތުގެ ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފް މަރުހަލާގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

ކްރިމިނަލް ކޯޓުން މަހްލޫފްގެ މައްސަލަ މިމަހުގެ 1 ވަނަ ދުވަހު ބޭރުކޮށްލީ އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅުމަށްފަހުއެވެ. އަދި އެމައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފްކުރީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ފާހަގަކުރަން ބޭނުންވި ނުކުތާތައް ވަނީ ފާހަގަކޮށްފައެވެ. މަހްލޫފްގެ ފަރާތުން ބޮޑަށް ފާހަގަކުރެއްވީ މިއީ ޒާތީކަމެއް އޮވެގެން ކުރިއަށްގެންދާ މައްސަލައެއްކަމަށް އޭނާ ވިދާލުވާ ވާހަކައެވެ. އަދި މިއީ އެއްވެސް ހެއްކެއް ގަރީނާއެއް ހުރެގެން ކުރިއަށްގެންދާ މައްސަލައެއް ނޫންކަމަށްވެސް މަހްލޫފްގެ ފަރާތުން ފާހަގަކުރިއެވެ.

ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލު ވިދާޅުވީ މިމައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ނޫންކަމަށާއި، އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދެވޭނެކަމަށެވެ. އަދި ފަނޑިޔާރުން ހެކި ރަނގަޅަށް ވަޒަން ނުކުރާކަމަށްވެސް ދައުލަތުން ފާހަގަކުރިއެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ދެއްކެވި ވާހަކަތަކަށްފަހު، ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދެން އޮންނާނީ މައްސަލައިގައި ގޮތެއް ނިންމުން ކަމަށެވެ.

މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފަރުހީޒާއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރިޝްވަތުގެ ދައުވާ މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އެގޮތުން އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަޚްލޫފަށްދިން 33،000 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު، މަޚްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް މައްސަލައިގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު