ރާއްޖޭގައި އުފައްދާ އުފެއްދުންތަކާއި އަދި އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކަަށް އެކަށޭނެ ގޮތަށް އެ އުފެއްދުންތައް ގިންތިކޮށް ދަރަަޖަކުރަން ނިންމައި އެކަމާ ގުޅޭ ބިލެއް މަޖިލީހަށް ސަރުކާރުން ހުށަހަޅައިފި އެެވެ.

"ފަންނީ އުފެއްދުންތައް ގިންތިކުރުމާއި ދަރަޖަ ކުރުމުގެ ގާނޫނު" ގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށައަޅުއްވާފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެވެ. އެ ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ވަނީ ފަށާފައެވެ.

"ފަންނީ އުފެއްދުންތައް ގިންތިކުރުމާއި ދަރަޖަ ކުރުމުގެ ގާނޫނު" މަޖިލީހަށް ހުށައެޅި ނުވަތަ އެބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކަށް އެކަށޭނެ ގޮތަށް ގިންތި ކުރެވޭ އުފެއްދުންތަކެއް ކަމަށް ކަށަވަރުކުރުމަށްޓަކައި ގިންތިކުރުމާއި ދަރަޖަކުރުމުގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

މި ގާނޫނުގެ ދަށުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ ނެޝެނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ކަމަށް ވެސް ބިލުގައިވެއެވެ.

އެބިލުގައި ބުނާގޮތުން އެބިލް ގާނޫނަކަށް ވުމުން ރާއްޖޭގައި އުފައްދާ ނުވަތަ އެތެރެކުރާ ފިލްމާއި ސައުންޑް ރިކޯޑިންއާއި ފޮޓޯއާއި ކުރެހުން ފަދަ އުފެއްދުންތައް އާންމުކުރެވޭނީ އެ އުފެއްދުންތައް ގިންތި ކުރުމުން ނެވެ. ނަމަވެސް އަމިއްލަ ބޭނުމަށާއި ފަތުރުވެރިން އެތެރެކުރާ އުފެއްދުމާއި އަދި ޑައުންލޯޑް ކުރާ އުފެއްދުންތައް އިސްތިސްނާ ވާނެ ކަމަށް ބިލްގައި ބުނެފައިވެއެެވެ.

އެ ބިލްގައި ބުނެފައިވަނީ އުފެއްދުންތައް ގިންތިކުރާ އިރު ހުރިހާ އުމުރެއްގެ މީހުންނަށް ބެލޭ ނުވަތަ ވަކި އުމުރު ފުރާތަކަށް އެކަށީގެންވާ ގޮތަށް ގިންތި ކުރެވޭނެ ކަމަށެވެ. އަދި ގިންތި ކުރުމުގައި އާންމު އިޖުތިމާއި މިންގަނޑުތަކާއި ޖިންސީ ކަންކަމާއި އަނިޔާވެރިކަން ހުރި މިންވަރަަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.

ގިންތިކޮށްފައިވާ އުފެއްދުމަށް އުނި އިތުރެއް ގެނެސްފިނަަމަ މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 އާއި 5000 ރުފިޔާއިން ޖޫރިމަނާކޮށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އިތުރު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލްގައި ވަނީ ބަޔާންކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން