ދެމެހެއްޓެނިވި މާދަމާއަކަށް، އަންހެނުންގެ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ގޮވާލައްވައިފިއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ ދެމެހެއްޓެނިވި މާދަމާއަކަށް، އަންހެނުންގެ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ އިތުރުކުރަން އެބަ ޖެހޭ ކަމަށާއި 2030 ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމި މުއާހަދާތަކަށް ރިޕޯޓުކުރުމުގައި، އަންހެނުންގެ ހާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން އަރައިގަތުމަށްޓަކައި އަންހެނުން އަދާކުރަމުންދާ ދައުރާއި، އަންހެނުންގެ ތަޖުރިބާތައް ދެނެގަނެ، ފާހަގަކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި މާދަމާއެއް ބިނާކުރަން މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީގެ ޚިތާބުގައި ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، ސިޔާސަތު އެކުލަވާލުމުގައާއި، ކަންކަން ރޭވުމުގައި ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަަކުރެއްވިއެވެ. އެ ބަދަލަކީ ކަންކަން ރާވާ، ނިންމާ އަދި ތަންފީޒުކުރާ މަރުހަލާތަކުގައި ދެޖިންސުގެ މައުނަވީ ބައިވެރިވުމާއި، ދެޖިންސުގެ ހިޔާލާ، ފިކުރާއި ތަޖުރިބާ ހިމަނައިގެން ގެނެވޭ ބަދަލަކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވަ ނޭދެވޭ އަސަރުތަކުގެ ބިރު އެންމެ ބޮޑަށް ކުރިމަތިކުރާނެ ގައުމުތައް ކަމަށެވެ. އެފަދަ ހާލަތްތަކުގައި، ކުދިން ސްކޫލަށް ފޮނުވުމަށާއި، ސިއްހީ ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވެ، ދިމާވާ ގޮންޖެހުންތަކާ އެންމެ ގާތުން ކުރިމަތިލާން ޖެހެނީ އަންހެނުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް ދިމާވި އިގްތިސޯދީ ހީނަރުކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފެނިގެންދިޔައީ ގިނައިން އަންހެނުން ހަރަކާތްތެރިވާ ނުރަސްމީ ސެކްޓަރުން ކަމަށެވެ.

"މިނިސްޓްރީއަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް.އަޅުގަނޑުމެންގެ ނިޒާމުތައް މިހާރު ހުރި ގޮތުން، މިފަދަ ކޮންމެ ލޮޅުމެއްގައިވެސް، އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވޭ." މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވިއެވެ.

އަންހެނުން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގައި ވެސް މާރޗު މަހުގެ އަށް ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫއެންވިމެން އިން މިއަހަރުގެ ޝިއާރު ކަމުގައި ހަމަޖައްސާފައިވަނީ "ދެމެހެއްޓެނިވި މާދަމާއަކަށް، މިންތީގެ ހަމަހަމަކަން މިއަދު،" މި ޝިއާރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން