އަހުމަދު މަސްނޫމް   7 މާރިޗު 2022 - 1:22
ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޚްލޫފްގެ މައްޗަށް އުފުލި ރިޝްވަތުގެ ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މަހްލޫފްގެ މައްސަލަ މިމަހުގެ 1 ވަނަ ދުވަހު ބޭރުކޮށްލީ އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅުމަށްފަހުއެވެ. އަދި ދައުލަތުން ހުށައެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ހުރި ހެކިތަކެއް ނޫންކަމަށްވެސް ކޯޓުން ކަނޑައެޅިއެވެ. މިގޮތަށް ފަނޑިޔާރު ނިންމެވީ، އެފަދަ މައްސަލަތަކުގައި މީގެ ކުރިން ހައިކޯޓުން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކުރައްވައެވެ.

ޕީޖީ އޮފީހުން ބުނީ މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާކަމަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރިޝްވަތުގެ ދައުވާ މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އެގޮތުން އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަޚްލޫފަށްދިން 33،000 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު، މަޚްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް މައްސަލައިގައި ބުނެފައި ވެއެވެ.

ޚިޔާނާތުގެ ތުހުމަތުތަކާއެކު ދެފަހަރެއްގެ މަތިން މިނިސްޓަރ މަޚްލޫފް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެސް ކުރެއްވިއެވެ. ނަމަވެސް ދައުވާކުރުމާ މެދު ގޮތެއް ނުނިމި މަސްތަކެއް ފާއިތުވުމާއި ގުޅިގެން ސަރުކާރުންވަނީ މަޚްލޫފްގެ ސަސްޕެންޝަން އުވާލައްވާފައެވެ. ސަސްޕެންޝަން އުވާލުމުން މިނިސްޓަރ މަޚުލޫފު މަސައްކަތަށް ނިކުންނަވަން ފެއްޓެވީ މިދިޔަ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން