ޓެކްސީ ޑްރައިވަރުން ޓްރާސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އަގު ނަގާނަމަ އެ ޓެކްސީއަކާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިހެން ބުނެފައި މިވަނީ މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުގެ އިއްތިފާގުން ނިންމުމާއި ގުޅިގެންނެވެ. ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާފައިވަނީ ޓެކްސީ ދަތުރުތަކުގެ އަގުތަކާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 14 ޓެކްސީ ސެންޓަރުގެ އިސްވެރިންގެ އިއްތިފާގުންނެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ، މިނިސްޓްރީން ފާސްކޮށް، އިއުލާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ ޓެކްސީތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާއެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާއެވެ.

ޓެކްސީތަކުން ނަގާ އަގު ބޮޑުކުރުމަށް އަމިއްލައަށް ނިންމިއިރު، މިފަދަ ކަމަކާއި ގުޅޭގޮތުން ޓްރާސްޕޯޓް މިނިސްޓްރީއާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވެސް ނުވެއެވެ.

ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތަކުގެ ތެރޭގައި މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް 30 ރުފިޔާ، ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް، 25 ރުފިޔާ ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާއަށް ހަމަޖެއްސުން ހިމެނެއެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެއިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ ނެގުމަށްވެސް ވަނީ ނިންމާފައެވެ. އަދި މާލެއިން ހުޅުމާލެއަށް، ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް، 80 ރުފިޔާ ނަގާއިރު ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ ނެގުމަށް ވަނީ ނިއްމާފައެވެ.

މީގެއިތުރުން މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް 120 ރުފިޔާ ނެގުމަށް ސެންޓަރުތަކުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން