2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމްކުރި މައްސަލައެއް ވަކި ގޮތަކަށް ނިންމައިދޭން އެދި އެކޯޓުގެ ފަނޑިޔާރަކު ރިޝްވަތަށް އެދުނުކަމަށް މީހަކު ސުޕްރީމް ކޯޓުގައި މިއަދު ބުނެފިއެވެ.

މި ތުހުމަތުކޮށްފައިވަނީ އެމައްސަލައިގައި ހިމެނޭ އެއް ފަރާތްކަމަށްވާ، މުހައްމަދު އަނީސް ނަމަކަށް ކިޔާ މީހެކެވެ.

މިމައްސަލައަކީ ވިލަމެންދޫ އައިލެންޑް ރިސޯޓާއި އެރިޔަދޫ އައިލެންޑް ރިސޯޓުގައި ބޭނުންކުރި ދޯންޏަކާއި ލޯންޗަކަށް 14 އަހަރަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ 2.2 މިލިއަން ރުފިޔާ ހޯދަން ލޯންޗުގެ ވެރިފަރާތުން އެ ދެ ރިސޯޓުގެ މިލްކުވެރިކަން އޮތް އަދި ހިއްސާދާރުންގެ ތެރޭގައި ހިމެނޭ މީހުންގެ މައްޗަށް ކުރި ދައުވާއެކެވެ.

މިމައްސަލައިގައި 2008 ވަނަ އަހަރު ސިވިލް ކޯޓުން އަދި އޭގެފަހުން ހައިކޯޓުންވެސް ހުކުމްކޮށްފައިވަނީ ކުލީގެ ގޮތުގައި ދައުވާކުރި ފަރާތުން ހޯދަން އެދުނު ފައިސާ ދޭންޖެހޭކަމަށެވެ.

ނަމަވެސް މިމައްސަލަ ރައްދުވާ ފަރާތްތަކުން 2012 ވަނަ އަހަރު މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން 2015 ވަނަ އަހަރު ކުރި ހުކުމްގައި ވަނީ ސިވިލް ކޯޓާއި ހައި ކޯޓުގެ ހުކުމްތައް ބާތިލްކޮށް، އަނީސަށް އެ ފައިސާ ދައްކަން ނުޖެހޭކަމަށް ބުނެފައެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމަކީ އޭނާގެ ފަރާތުން މިމައްސަލަ އަލުން ބަލައިދޭން އެދި ހުށަހެޅުމުން ބޭއްވި އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަން ލިބުނު ފުރުޞަތުގައި އަނީސް ބުނީ އޭރު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރެއްގެ ފަރާތުން މީހަކު އޭނާއާ ބައްދަލުކޮށް، 2 މިލިއަން ރުފިޔާ ދީފި ނަމަ ބޭނުން ގޮތަކަށް މައްސަލަ ނިންމައިދޭނެކަމަށް ބުނި ކަމަށެވެ. އެކަމަކު، އެ ހުށަހެޅުން ގަބޫލު ނުކުރާ ކަމަށާއި ސަބަބަކީ ގާނޫނީ ގޮތުން މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުން ކަމަށްވެސް އޭނާ ބުންޏެވެ.

މި މައްސަލައިގައި ކުރީގެ ސުޕްރީމް ކޯޓުން ހުކުމް ކުރެއްވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހިމެނިވަޑައިގެންނެވި ބެންޗަކުންނެވެ.

އަނީސް ބުނީ އެމައްސަލަ ރައީސުލްޖުމްހޫރިއްޔާ އަދި އުއްތަމަ ފަނޑިޔާރަށްވެސް ހުށަހަޅާފައޖވާ ކަމަށެވެ. އަދި ޖޭއެސްސީއަށްވެސް އެމައްސަލަ ހުށަހެޅިކަމަށް އޭނާ ބުންޏެވެ. އަދި އެ ފަނޑިޔާރު އޭރު މަގާމުން ވަކިވެފައިވުމުން އެ މައްސަލަ އެ ކޮމިޝަނުން ކުރިއަށް ނުގެންދިޔަކަމަށްވެސް އޭނާ ބުންޏެވެ.

މިމައްސަލައިގައި މިއަދު ބޭއްވި އަޑު އެހުމުގައި ދިފާއުން އެއްޗެއް ނުބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން